ހޯމަ ދުވަހުގެރޭ ރާއްޖެޓީވީން ކުރިއަށް ގެންދިޔަ ކޮވިޑް-19 ކަވަރޭޖަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ، މިވަގުތު އެންމެ މުހިއްމު މަސައްކަތެއްގެ ގޮތުން މިނިސްޓްރީން ކުރަމުންދަނީ ވޮލަންޓިޔަރ މަސައްކަތްތައް ކަމަށާއި، ޖެންޑަރ މިނިސްޓްރީއާ ގުޅިގެންވެސް ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށްވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
އޭގެ އިތުރުން، އިހުސާން ފިހާރައަށް މިހިނގާ އޭޕްރީލް މަހުގެ 15ން 17ށް ގޮސްފައިވާ ފަރާތްތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް އެންގުމަށް ކޮވިޑް-19 ޓާސްކްފޯހުން އެދިފައިވާއިރު، ދާދި ފަހުން މިނިސްޓަރވެސް ވަނީ އެ ފިހާރައިގެ ޑެލިވަރީގެ ޚިދުމަތުގައި ވޮލަންޓިޔަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފައެވެ. އެކަމާ ގުޅިގެން މިނިސްޓަރ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވޭތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އެކަމާ ގުޅޭގޮތުން ކަވަރޭޖްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، މިނިސްޓަރަކަށް ވީތީ ޚާއްސަކޮށް ޓެސްޓް ކުރަން ޖެހޭކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި، ޓެސްޓް ކުރަން ޖެހޭނީ ހުރިހާ ރައްޔިތުންވެސް އެއް ހަމައަކުން ކަމަށެވެ.
އަދި އެކަމަށް ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސިޖަރ (އެސްއޯޕީ) ތަކެއް ހެދިފައި ހުރިކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، އޮންނަ އުސޫލުގެ ދަށުން އަމަލު ކުރައްވާނެ ކަމަށެވެ. އަދި އެޗްޕީއޭގެ އެންގުމާ އެއްގޮތަށް މިވަގުތު ގޭގައި މަޑުކުރައްވައިގެން ހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ އިތުރުން، ޑެލިވަރީ މަސައްކަތުގައި އުޅުނު ވޮލަންޓިޔަރުންވެސް މަސައްކަތް ކޮށްފައިވާނީ އެޗްޕީއޭއިން އަންގާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ފާއިތުވި ދުވަސްތަކުގައި މާލޭގެ ބަނދަރު މަތީގައި ހުންނަ ލިލީ ސްޓޯރ އަދި މާފަންނު އިހުސާން ފިހާރައަށް ދިޔަ މީހުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓު ކުރުމަށް އިލްތިމާސް ކޮށްފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ކޭސް 55 އަކީ ބާޒާރު ލީލީ ސްޓޯރގައި މަސައްކަތް ކުރާ މީހެއް ކަމަށްވުމާއި، ކޭސް 59 އަދި 60 އަކީ މާފަންނު އިހުސާން ފިހާރައާއި ގުޅިފައިވާ ކޭސްތަކެއްކަން ފާހަގަވެފައިވާތީއެވެ.