މާލެ ލޮކްޑައުން އަކަށް ދިޔަ ފަހުން ފެނުނު ކޮވިޑް-19 ކޭސްތަކުގެ ކޮންޓެކްޓްތައް މަދުކަން ފާހަގަކުރެވިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
ހޯމަ ދުވަހުގެރޭ ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ، މާލެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިޔަށްދާއިރު އެންމެ ބޮޑަށް ފާހަގަ ވެގެންދިޔަ އެއް ކަމަކީ މިހާރު ރިޕޯޓް ކުރެވެމުންދާ ކޭސްތަކަކީ މި މަހުގެ 15 ގައި މާލެ ލޮކްޑައުން ކުރި ފަހުން އަލާމާތްތައް ފެނިގެން ރިޕޯޓްކުރާ ކޭސްތައް ކަމަށެވެ.
އެ މީހުންގެ ތެރެއިން ގިނަ މީހުންނާ ބައްދަލު ވެފައިވާ ފަރާތްތައް ބޮޑުތަނުން މަދުކަން ފާހަގަ ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ، ބައްދަލުވާ މީހުންގެ އަދަދު މަދުކުރެވި މިހާރު މިއޮތް ގޮތަށް ލޮކްޑައުން ކުރިޔަށްދާ ނަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވާ ކޭސްތައް މަދުވެގެން ދާނެކަމަށެވެ.
މި ވަގުތު ލޮކްޑައުން ކުރިޔަށް ގެންދެވި މީހުން ބައްދަލުވާ މީހުން ވީވަރަކުން މަދު ކުރެވިއްޖެއްޔާ ޕޮޒިޓިވްވެފައި ތިބި މީހުންވެސް އަޅުގަނޑުމެންނަށް އައިޑެންޓިފައި ވާއިރުގައިވެސް ބައްދަލުވާ މީހުން މަދުވެ އެ މީހުންގެ ފަރާތުން ބައްޔަށް ހުށައެޅޭ މީހުންގެ އަދަދު ވަރަށް ބޮޑުތަން މަދުވެގެން ދާނެ.ޑރ. ފާތިމަތު ނަޒްލާ ރަފީގް - އެޗްޕީއޭގެ މެޑިކަލް އޮފިސަރު -
ޑރ. ނަޒްލާ ވިދާޅުވީ، ހޯމަ ދުވަހު ޕޮޒިޓިވްވި މީހުންގެ އިތުރުން މީގެ ކުރިން ރާއްޖެއިން ޕޮޒިޓިވްވި ބައެއް މީހުންގެ ފަރާތުން އެއްވެސް ކަހަލަ އަލާމާތް ތަކެއް ނުފެނި ޕޮޒިޓިވް ވެފައިވާ ކަަމަށެވެ. އޭނާ ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިންގެ ކުރިން މީގެ ތެރެއިން ބައެއް މީހުންގެ ގައިން އަލާމާތްތައް ފެނުމުގެ ކުރިން ޓެސްޓްތައް ހެދި އެމީހުން އެކަހެރި ކުރެވިފައިވާ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް 69 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އޭގެ ތެރޭގައި މާލެއިން މި ބައްޔަށް ޕޮޒިޓިވްވި 49 މީހަކު ހިމެނެއެވެ.
ޕޮޒިޓިވްވި އެންމެންގެ ވެސް ހާލު ރަނގަޅުކަމަށާއި، އެ މީހުންގެ ތެރޭގައި ތުއްތު ދެ ކުއްޖަކާއި މާބަނޑު އަންހެނެއްގެ އިތުުރުން 60 އަަހަރުގެ މީހެއް ހިމެނޭ ކަމަށް އެންއީއޯސީން ވަނީ ހާމަކޮށްފައެވެ.