ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެނަކަ ކޯޕްރޭޝަނުން ހިންގާ ޕްރޮޖެކްޓްތަކުގައި އެރަށުން އެކުލަވާލާފައިވާ ޓާސްކްފޯސްއިން މަސައްކަތް ހުއްޓާލުމަށް ނާންގާ ހިދެއްގައި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެމްޑީ ސައީދު ވިދާޅުވީ ފެނަކައިގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފޯރުކޮށްދޭ ކަމަށާއި، މަސައްކަތްތައް ކުރިއަށްދަނީ މުވައްޒަފުންގެ ސަލަމާތާ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއްދީގެން ކަމަށެވެ.
ސައީދު ވިދާޅުވީ ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަކީ ފެނަކައިގެ އެއްއަމާޒު ކަމަށެވެ. އެގޮތުން ފެނާއި ކަރަންޓުގެ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމްޑީ ދެއްވިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެނަކައިން ހިންގާ ޕްރޮޖެކްޓްތަކުގެ މަސައްކަތައް ކުރިއަށްގެންދާ ގޮތް އިތުރަށް ތަފްސީލް ކޮށްދެއްވައި ސައީދު ވިދާޅުވީ އެރަށެއްގެ ޓާސްކްފޯސްއިން ފެނަކައިން މަސައްކަތް ހުއްޓާލުމަށް އިރުޝާދު ނުދޭހާ ހިދެއްގައި އެތަނެއްގައި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ޕްރޮޖެކްޓުގެ މަސައްކަތަށް ބޭނުންވާ ސާމާނު ހުސްނުވާ ނަމަ ވެސް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ޕްރޮޖެކްޓްގައި އަދިއެއް ބާބޮޑު ދައްޗެއް ނެތް. އަޅުގަނޑުމެންގެ ބައެއް އަސާސީ ޚިދުމަތްތައް ކޭބަލް ޑިސްޓްރިބިއުޝަން ފޮށި، ޕެނަލް ބޯޑުތައް ގެނައުމަށް ކުދިކުދި ދަތިތަކެއް އެބަހުރި. އެކަމަކު މިހާރު އެދަތިތަކުން ވަނީ އަރާގެނެވިފައި. އެހެންވީމަ އަޅުގަނޑުމެން މިހާރު ކުރަމުންދާ މަސައްކަތުގައި އަޅުގަނޑުމެން އަދިވެސް މިތިބީ ރަނގަޅު ޓްރިކްގައި އެނގޭތޯ.ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު
ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ކުންފުނިން ދެމުންދާ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ރަށްރަށުގެ ކައުންސިލްތަކާ ޓާސްކްފޯސްތަކުން ވެސް އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ހާލަތެއްގައި އެއްވެސް އިރެއްގައި ކަރަންޓް މެދުކެނޑިގެން ދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، މަސައްކަތްތައް ވަރަށް ބޮޑަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ.
އަޅުގަނޑު ހަމަ އެދެން އެނގޭތޯ ދިވެހިރާއްޖޭގެ ފެނަކައިގެ ޚިދުމަތް ލިބިގަންނަ ހުރިހާ ރައްޔިތުންގެ ކިބައިން ކެތްތެރިކަމާއެކު ދުއާ ދެންނެވުންމަތީގައި ތިއްބަވާށޭ. އަޅުގަނޑުމެން ދެމުންދާ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ޔަގީންކަން ހުރިހާ ބޭފުޅުނަށް އަރުވަން. މިނޭވާގައި ފެނަކައި ލޮބުވެތި ހީވާގި މުއައްޒަފުންނަށް ވެސް އައްސަރިބަހާ ސާބަސް އަޅުގަނޑު ރައްދުކުރުން. އެބޭފުޅުން މިދަނޑިވަޅުގައި ކުރައްވަމުން ގެންދަވާ އަގުހުރި ބުރަ މަސައްކަތަށް އެނގޭތޯ.ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު
ކޮވިޑް-19ގެ މިހާލަަށް ކުންފުނިތަކުން ތައްޔާރުނުވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް ރައްދުދެއްވައި ސައީދު ވިދާޅުވީ މިހާތަލަށް ސަރުކާރުން އޮތީ ވަރަށް ބޮޑަށް ތައްޔަރުވެފައި ކަމަށެވެ. އަދި ސަރުކާރުގެ މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދެމުންދާކަން ސައީދު ފާހަގަކުރެއްވިއެވެ.