ރާއްޖޭގައި ކޮވިޑް-19 މިހާރު ފެތުރެމުންދާ ގޮތަށް ކޮންޓްރޯލް ނުކުރެވިދާނަމަ ޑޮކްޓަރުންނާއި ނަރުހުން ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށާއި، މި ވަގުތު ރާއްޖޭގައި ތިބި ކޮންމެ 1000 މީހަކަށް ދެ ޑޮކްޓަރުންނާއި ހަތް ނަރުހުން ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
އާދިއްތަ ދުވަހުގެ ރޭ ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އެކު ކުރިޔަށް އޮތް ދުވަސްތަކުގައި ގުދު ފަތި (ކަރވް ފްލެޓް) ނުކުރެވިދާނަމަ މީހުންނަށް ފަރުވާދޭން ޑޮކްޓަރުންނާ ނަރުހުންނާ މަދުވާނެ ކަމަށެވެ.
ރާއްޖޭގައި މިހާރު ހުރި ނަމްބަރުތަކަށް ބަލާލާނަމަ ކޮންމެ އެއްހާސް މީހުންނަށް ދެ ޑޮކްޓަރުން ތިބީ. އަދި ކޮންމެ އެއްހާސް މީހަކަށް ހަތް ނަރުހުން މި ވަގުތު މަސައްކަތް ކުރަމުންދާ ވޯކް ފޯސް އަށް ބަލާނަމަ.އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް
އެ އަދަދުތަކަކީ ގިނަ ބަޔަކަށް ބަލިޖެހިއްޖެނަމަ އުދަނގޫ އަދަދުތަކަކަށް ވެގެންދާނެކަން މަބްރޫކް ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި މިހާރު ތިބި 900 ޑޮކްޓަރުންނާއި 2907 ނަރުހުންނެވެ. ސަރުކާރުން ވަނީ ބޭރުގެ ގައުމުތަކުގައި ސިއްހީ ދާއިރާއިން ތައުލީމް ހާސިލްކުރާ ފަރާތްތައް ގެނައުމުގެ މަސައްކަތް ފަށާފަ އެވެ. މަބްރޫކް ވިދާޅުވީ، ބަންގްލަދޭޝް އަދި ނޭޕާލުން އައި ކިޔަވާ ކުދިންގެ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށް ފަހު މެޑިކަލް ޓީމްތަކާއި ގުޅެން ހަމަޖެހިފައިވާ ކަމަށެވެ.
ސަރުކާރުން ދަނީ ރާއްޖޭ ފަސް ސަރަހައްދަކަށް ބަހާލައިގެން ކޮންމެ ސަރަހައްދެއްގައި ކަރަންޓީނު ފެސިލިޓީސްގެ އިތުރުން އައިސީޔޫ އެނދުތައް އިތުރު ކުރުމުގެ މަސައްކަތް ފަށާފައެވެ. މަބްރޫކް ވިދާޅުވީ، ކަރަންޓީނު ފެސިލިޓީސް ގައި 2000 އަށް ވުރެ ގިނަ އެނދު ހުންނާނެ ކަމަށާއި، އައިސީޔޫގައި 77 އެނދު ހުންނާނެ ކަމަށެވެ.
މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއް ގައި މަބްރޫކް ވިދާޅުވެފައިވަނީ، ރާއްޖެއިން ބޭރުގައި ތިބި މީހުން ގެންނާނީ ކަރަންޓީނު ފެސިލިޓީސް ތަކުން މީހުން ދޫކުރާވަރަކުން ކަމަށެވެ. އޭނާ ވިދާޅުވީ، އިތުރު ކަރަންޓީނު ފެސިލިޓީސްތައް ގާއިމްކުރެވެން ނެތީ ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން ހުރުމުން ކަމަށެވެ. ނަމަވެސް ސަރުކާރުން އިތުރު ފެސިލިޓީސްތަކެއް ގާއިމް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.