ކޮވިޑް-19 ގެ އަލާމާތްތައް ހުރެގެން ހއ. އުލިގަމުން ޓެސްޓް ކުރި މީހާ ސްކްރީނިންގ އިން ޕޮޒިޓިވް ވެއްޖެއެވެ.
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ އުލިގަމުން ޓެސްޓް ކުރި މީހާގެ ސްކްރީނިން ޕޮޒިޓިވް ކަމަށާއި އަދި ކޮވިޑް-19ށް ޓެސްޓް ކުރާނެ ކަމަށެވެ. އަދި ކޮވިޑް-19ށް ޓެސްޓް ކުރުމަށް ފަހު ނަތީޖާ ޕޮޒިޓިވް ވެއްޖެ ނަމަ އެކަން ހާމަ ކުރާނެ ކަމަށް އެންއީއޯސީން ބުނެއެވެ.
ބައެއް ނޫސްތަކުގައި މި މީހާ ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވަކަމަށް ހަބަރުފަތުރާފައިވީ ނަމަވެސް، އެމީހާ ބައްޔަށް ޕޮޒިޓިވް ވިކަން އަދި އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.
މި މީހާގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މި މީހާއަކީ މާލޭގައި ގާކޮށީގެ ފްލެޓެއްގައި ދުވަސްކޮޅެއް ހޭދަ ކުރުމަށްފަހު ކަނޑުމަގުން މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން އުލިގަމަށް ދިޔަ މީހެއް ކަމަށް މައުލޫމާތި ލިބެއެވެ.
މީގެ އިތުރުން ހދ. ވައިކަރަދޫ އަދި ހއ. އިހަވަންދޫ އިން ވެސް ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހުން ފެނިގެން އެ 2 ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
މިހާތަނަށް ރާއްޖޭގައި ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު ވަނީ 51ށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވް 14 ދިވެހިންނާއި 15 ބަންގުލަދޭޝް މީހުންނާއި 2 އިންޑިއާ މީހުންނެވެ. މީގެ އިތުރުން ރާއްޖެއަށް އައި ދިވެހިންންގެ ތެރެއިން ޕޮޒިޓިވްވި މީހުންނާއި ފަތުރުވެރިން ހިމަނައިގެން ކަރަންޓީން އަދި ރިސޯޓްތަކުން 20 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.