އަތޮޅުތެރޭ ގިނަ ރަށްރަށުގައި ބިމު ކުއްޔާ ނުލާ ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް ވަރަށް ބޮޑަށް ދަށްވެފައިވާ މިދަނޑިވަޅުގައި ރަށްރަށުން ދަނޑުވެރިކަން ކުރިއެރުވުމަށް އަންނަނީ ގިނަ މަސައްކަތްތައްތަކެއް ކުރަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި ދަނޑުބިމުގެ ކުލިން 50 އިންސައްތަ އުނިކޮށްފައިވެއެވެ. އަދި އަލަށް ދަނޑުވެރިކަން ކުރުމަށް ނުކުންނަ ފަރާތްތަކަށް ޚާއްސަ ސަމާލުކަމެއްދީ އެފުރުސަތު ފަހިކޮށްދޭނެކަމަށް ކައުންސިލްތަކުން ބުނެއެވެ.
މީގެ ތެރޭގައި އައްޑޫސިޓީ ފުވައްމުލަކުސިޓީ، ދިޔަމިގިލީ، ފ.ނިލަންދޫ އަދި މުލަކަތޮޅުގައި ދަނޑުވެރިކަމަށް ފުރުސަތު ހުޅުވާލާ، ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް ބިން ދޫކުރުމަށް ނިންމާފައިވާކަން އިއުލާންކޮށްފައިވެއެވެ.
ދަނޑުވެރިކަމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތްތައް ފަށާފައިވާއިރު، ރ.އަގޮޅިތީމުގައި ވެސް ބިމަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ތިން އަހަރު ދުވަހަށް ބިންދޫކުރާއިރު، މިބިމުން ކުލި ނުނެގުމަށް ކައުންސިލުން ނިންމާފައިވެއެވެ.
އަނގޮޅިތީމު ކައުންސިލުން ބުނީ ދަނޑުބިމަށް އެދި ހުށަހަޅަނީ "ދަނޑުވެރިކަން ކުރުމަށް ދަނޑުބިމަށް އެދޭ ފޯމް" އިން ކަމަށެވެ. ދަނޑު ބިމަށް އެދުމުގެ މުއްދަތަކީ މިމަހުގެ 19ން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ 12:00 އަށެވެ. އަދި ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން އޮންނާނީ މި މުއްދަތުގައި ކޮންމެ ދުވަހެއްގެ 10:00ން ފެށިގެން 12:00 ގެ ނިޔަލަށް ކަމަށެވެ.
ކައުންސިލުން ބުނީ ދަނޑު ދޫކުރާނެ ދަނޑުބިމުގެ ބޮޑުމިން ކަނޑައަޅާނީ ދަނޑުބިމަށް އެދުމުގެ މުއްދަތުގެ ތެރޭގައި ދަނޑުބިމަށް އެދޭ ފަރާތްތަކުގެ އަދަދަށް ބެލުމަށްފަހު ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ދިމާވެދާނެ އިގްތިސާދީ ހީނަރުކަމަށް އަލިއަޅުވަލައި ކައުންސިލުން ބުނީ މިހާރު ދޫކޮށްފައިވާ ގޭބިސީ ދަނޑު ބިމުންނާއި މިބުރު މިދޫކުރާ ގޭބިސީ ދަނޑުބިންތަކުން ކުލި ނުނަގާގޮތަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ ދަނޑުވެރިކަން ކުރުމަށް ދޫކުރާ ގޭބިސީ ދަނޑުބިމުގައި ދަނޑުވެރިކަން ނުކުރާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެދަނޑުބިމެއް ބާތިލް ކުރެވޭނެ ކަމަށެވެ. އަދި ދަނޑުބިމުގައި މަސައްކަތެއް ނުކުރާތާ 01 (އެކެއް) މަސްދުވަސް ވެއްޖެނަމަ ދަނޑުވެރިކަން ނުކުރާކަމަށް ބެލެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.