ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސިޓީ ލޮކްޑައުން ކޮށްފައިވާތީ ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އާދިއްތަ ދުވަހުން ފެށިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އޮންލައިން ކްލިނިކްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
މިކަމާއި ގުޅޭގޮތުން އައިޖީއެމްއެޗުން ބުނީ މި ކްލިނިކުން ދުވާލަކު ކޮންމެ ޑިޕާރޓްމަންޓަކުންވެސް 10 އަކާއި 15 އާ ދެމެދުގެ ޢަދަދެއްގެ މީހުންނަށް ޚިދުމަތް ދެވޭނެކަމަށެވެ. މި ކްލިނިކް މިހާރުވެސް ހޮސްޕިޓަލުގެ 2 ޑިޕާރޓްމަންޓަކުން ކުރިއަށް ގެންދާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އެއީ:
• އަންހެނުންގެ ބަލިތަކަށް ފަރުވާދޭ ޑިޕާރޓްމަންޓް (12:00 - 8:30)
|• ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޑިޕާރޓްމަންޓް (12:00 - 10:00)
މީގެ އިތުރުން މި ކްލިނިކްތައް އަލަށް ފަށަން ހަމަޖެހިފައިވާ ޑިޕާރޓްމަންޓް ތަކަކީ:
ނާރުގެ ބަލިތަކާބެހޭ ޑިޕާރޓްމަންޓް
ހިތުގެ ބަލިތަކާބެހޭ ޑިޕާރޓްމަންޓް
ޢާންމު އޮޕަރޭޝަންތަކާބެހޭ ޑިޕާރޓްމަންޓް
ކެންސަރު ބަލިތަކާބެހޭ ޑިޕާރޓްމަންޓް
އެތެރެހަށީގެ ބަލިތަކާބެހޭ ޑިޕާރޓްމަންޓް
ފުއްޕާމޭގެ ބަލިތަކާބެހޭ ޑިޕާރޓްމަންޓް
ކިޑްނީގެ ބަލިތަކާބެހޭ ޑިޕާރޓްމަންޓް
ކުޑަކުދިންގެ ބަލިތަކާބެހޭ ޑިޕާރޓްމަންޓް
ކްލިނިކުން ޚިދުމަތް ދެމުން ގެންދާނީ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9 ން މެންދުރު 1 ށް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
މީގެއިތުރުން މި ކްލިނިކުން ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ވީޑިއޯ ކޯލް ގެ ޒަރީޢާއިން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި ޑޮކްޓަރުންނަށް ދެއްކުމަށް އެދޭ ތަރުތީބުން، ހޮސްޕިޓަލުން ބަލިމީހުންނަށް ގުޅަމުންގެންދާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
މި ކްލިނިކްތަކާ ބެހޭ މަޢުލޫމާތު ހޮސްޕިޓަލުގެ ހޮޓްލައިން 3335335 ށް ގުޅުމުން ސާފުކޮށްދޭނެ ކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ.
އައިޖީއެމްއެޗުން ވަނީ އެހޮސްޕިޓަލުން މާބަނޑު މީހުންނަށް ފަރުވާ ދިނުމަށްވެސް ޕްލޭނެއް އެކުލަވާލާ މަސައްކަތްތައް ފަށާފަ އެވެ.