ކޮވިޑް-19 މި ވައިރަސްއާ ދެކޮޅަށް މި ދަނޑިވަޅުގައި އާންމު ރައްޔިތުންނަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ ގޭގައި މަޑުކުރުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީ އިން ކޮވިޑް-19 އާ ގުޅޭ ގޮތުން ކުރިއަށް ގެންދާ ހާއްސަ ލައިވް ކަވަރޭޖަށް ދެއްވި ފޯން އިންޓަވިއުއެއްގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ މި ވަގުތަކީ ރާއިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތަށް އެކަކު އަނެކަކަށް އޯގާތެރިވެ، ހިތްހެޔޮކަމާއެކީ އިންސާނިއްޔަތުކަން އިސްކުރަންވީ ވަގުތު ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކުރުމަށް އެކަމަނާ އިލްތިމާސް ކުރެއްވިއެވެ.
މި ދަތި ދަނޑިވަޅުގައި، ތިމަންނާ ނުކުމެއްޖެ ކަމަށްވަންޏާ ތިމަންނާ އެކަނި ނޫންކަން ނުރައްކަލަކަށް ހުށަހެޅިގެންދަނީ، ތިމަންނައާ ޖެހިގެން ހުންނަ މީހާ ވެސް އެކަމަށް ހުށަހެޅިދާނެކަން ޤަބޫލުކޮށް، ތިމަންނާގެ ފަރާތުން ވެސް އަލާމާތެއް ފެންނަން ނެތް ނަމަވެސް ވައިރަސް ޖެހިދާނެކަން ވިސްނައިގެން އެގޮތަށް ދެކިގެން އުޅުން ނޫން ގޮތެއް މި ވަގުތަކަށް ނެތް"މިނިސްޓަރު މާރިޔާ
މި ވައިރަސްއަކީ އަދި މިހާތަނަށް ފަރުވާ ހޯދިފައިނުވާ ވައިރަސްއެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި ވައިރަސްގައި ޖެހުމުން ހަމައެކަނި ކުރެވޭނެ ކަމަކީ އެ މީހާ މީހުންނާ ދުރަށްލުން ކަމަށެވެ.
ސަރުކާރުގެ މަޤްސަދަކީ ރައްޔިތުން ގެންގޮސް ހަރުކަށި އަދަބު ދިނުން ނޫން ކަމަށާއި މި ފިޔަވަޅުތަކަކީ ރައްޔިތުންނަށްްޓަކައި ނަގާ އުނދަގޫ ފިޔަވަޅުތައް ކަމަށެވެ. އަދި މިކަން ކުރަމުން ދަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ދަނޑިވަޅުގައި ދަތި އުނދަގޫ ކަންތައްތައް ދިމާވާނެ ކަމަށާއި އެހެންނަމަވެސް އެކަންތައްތައް ތަހައްމަލުކޮށްފިނަމަ މި ހާލަތުން އަރައިގަނެވޭނެ ކަމަށެވެ.