އެޕްރީލް މަހުގެ 30 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނު މިގޮތަށް ނިންމެވީ، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުން ކަމަށެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖެއްސެވިކަމުގައިވިޔަސް، ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ އަސާސީ ޚިދުމަތްތައްދެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި އޮފީސް ހުޅުވައިގެން ޚިދުމަތެއް ދޭން ޖެހިއްޖެ ނަމަ އެ ޚިދުމަތެއް ދިނުމަށް ބޭނުންވާ އެންމެމަދު މުވައްޒަފުން ނެރެގެން އޮފީސް ހުޅުވައިގެން އެ ޚިދުމަތެއް ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އޮފީސްތަކަށް އަންގަވާފައިވާކަމަށެވެ.
އިސްތިސްނާ ހިދުމަތްތައް:
- ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތްތައް؛
- ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތް؛
- ބްރޯޑްކާސްޓިންގގެ ޚިދުމަތް؛
- ފޯނާއި އިންޓަރނެޓުގެ ޚިދުމަތް؛
- ބޭންކުތަކުން ދޭ ޚިދުމަތް؛
- ކައްކާ ގޭހާއި ފިޔުލްގެ ޚިދުމަތް؛
- ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތް؛(އ) ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ޚިދުމަތް
- ސިފައިންނާއި ފުލުހުންގެ ޚިދުމަތް
- ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް
- ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް
- ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް؛
- އިޖުތިމާޢީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް؛
- ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ޚިދުމަތް؛
- ޖަލުތަކުގެ ޚިދުމަތް؛
- ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި އުކައިލުމުގެ ޚިދުމަތް؛
- މޫސުމާބެހޭ ޚިދުމަތް.
ރައީސް އޮފީހުން ބުނީ ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ނިންމެވީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގާ އެންގުންތަކަށް ހުރިހާ މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށް ކަމަށެވެ. އަދި އެ އޭޖެންސީން ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ މި ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިންމު އެއްފިޔަވަޅު ކަމުގައި ރައީސް ސާލިހު ފާހަގަކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.