ޓެސްޓުކުރާ ކޮންމެ މީހެެއްގެ ނަތީޖާ ޑަބަލް ނެގެޓިވް ވި ނަމަވެސް އަލާމާތްތައް ފެންނަ ދުވަހުން ފެށިގެން 14 ދުވަސް ވަންދެން މޮނިޓަރިންގގައި ބެހެއްޓުމަށްފަހު ނޫނީ ދޫކޮށްނުލާނެ ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެސްޓުގެ އެކިއުރެސީއާ ގުޅިގެން ވާހަކަދައްވަމުން ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ކުރެވެނީ ޕީސީއާރު ޓެސްޓެއް ކަމަށެވެ. އަދި މި ޓެސްޓުގެ %95 އެކިއުރޭޓްވާނެ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ދުނިޔޭގެ އެއްވެސް ޓެސްޓަކީ 100 ފަސެންޓު އެކިއުރޭޓް އެއްޗެސް ނޫންކަމަށާއި ރާއްޖޭގައި ކުރެވެމުންދަނީ ދުނިޔޭގެ އެންމެ އެކިއުރޭޓް އެވެއިލެބްލް ޓެސްޓުކަމަށެވެ. އަދި ސާމްޕަލް ނަގާ، ޓެސްޓުތައް ހަދަމުންދަނީ އެކަމަށް ޓްރެއިން ކޮށްފައިވާ މީހުން ކަން ޑރ. ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން މި ހަދަމުންގެންދަނީ ޕީސީއާރު ޓެސްޓު. ދުނިޔޭގެ އެއްވެސް ޓެސްޓަކީ 100 ފަސެންޓު އެކިއުރޭޓް، 100 ޕަސެންޓް ސެންސިޓިވް، 100 ޕަސެންޓް ސްޕެސިފިކް އެއްޗެއް ނޫން. އެހެންނަމަވެސް އެއާ އެންމެ ކައިރިކުރަނީ އެންމެ އެކިއުރޭޓް ޓެސްޓު، ދުނިޔޭގެ އެންމެ އެކިއުރޭޓް އެވެއިލެބްލް ޓެސްޓަކީ މިއީ، ޕީސީއާރުޑރ. ނަޒްލާ ރަފީގް
ޑރ. ވިދާޅުވީ މި ޓެސްޓުން ފޯލްސް ނެގެޓިވް އެއް އައުމުގެ ފުރުސަތު ވަރަށް ކުޑަކަމަށެވެ. އެހެންނަމަވެސް އެ ރިސްކު ނުނަގާ، ޓެސްޓުކުރާ ކޮންމެ މީހެެއްގެ ނަތީޖާ ޑަބަލް ނެގެޓިވް ވި ނަމަވެސް އަލާމާތްތައް ފެންނަ ދުވަހުން ފެށިގެން 14 ދުވަސް ވަންދެން މޮނިޓަރިންގގައި ބެހެއްޓުމަށްފަހު ނޫނީ ދޫކޮށްނުލާނެކަމަށެވެ.
މިކަމަށް އަލިއަޅުއްވާލައްވާ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޑޮކްޓަރުންގެ ޓީމުން ނިންމާފައިވަނީ ދެފަހަރު ޓެސްޓުކުރުމަށް ކަމަށެވެ. އަދި އާއްމުގޮތެއްގައި ކުރެވޭ ވަރަށްވުރެ ވެސް އިތުރަށް ރާއްޖޭގައި ކުރެވޭކަން މަބްރޫކް ފާހަގަކުރެއްވި އެވެ.