ކޮވިޑް-19 އަށް މާލެ ސިޓީން އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.
ހުކުރު ދުވަހު އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓް ޕޮޒިޓިވް ވެފައިވާ މީހެއް ފެނިފައިވާ ކަމަށެވެ.
އަދި މިއީ ރާއްޖެއިން ޕޮޒިޓިވް ވި 28 ވަނަ މީހާ (ކޭސް 28) އެވެ. މިއީ ހުކުރު ދުވަހު ޕޮޒިޓިވްވި 3 ވަނަ މީހާއެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި 5 ވަނަ ދިވެހި މީހާއެވެ.
މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވްވި 8 ވަނަ މީހާއެވެ. އޭނާ އައިސޮލޭޝަން އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ. މާލެއިން އެންމެ ފުރަތަމަ ދިވެއްސަކު ޕޮޒިޓިވްވެފައިވަނީ ބުދަ ދުވަހު އެވެ.
މާލޭގައި ދިރިއުޅޭ މީހެއްގެ ގައިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ފުރަތަމަ ރިޕޯޓްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އޭގެފަހުން 8 މީހަކު މިވަނީ ވައިރަސް އަށް ޕޮޒިޓިވްވެފަ އެވެ. ފުރަތަމަ ވައިރަސް އަށް ޕޮޒިޓިވްވި މީހާ އާއި ކްލޯޒް ކޮންޓެކްޓްވި މީހުންގެ އަދަދު 242 އަށް އަރަ އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ ސަރަހައްދު ވަނީ 14 ދުވަހަށް ލޮކްޑައުންކޮށްފައެވެ. އަދި ހުކުރު ދުވަހުގެ އިރުއޮއްސި 6 ން ފެށިގެން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ.