ކޮވިޑް-19ގެ މިހާލަތުގައި ކަރަންޓު ކެނޑިދާނެ ހާލަތަކަށް ވެސް ސްޓެލްކޯ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުގުނީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ކޮވިޑް-19ގެ ޚާއްސަ ކަވަރޭޖަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މުގުނީ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ސްޓެލްކޯއިން ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. މިހާލަތަށް ތައްޔާރުވުމުގެ ގޮތުން ވެސް ޚާއްސަ ޕްލޭނެއް ހެދިފައިވާ ކަމަށާއި، ކޮންމެ ހާލަތެއްގައި ވެސް މަސައްކަތް ކުރާނެ ކަމަށް މުގުނީ ވިދާޅުވިއެވެ.
މުގުނީ ވިދާޅުވީ ސްޓެލްކޯގެ ބޭސިކް އޮޕަރޭޝަންގައި ކުރިއަށްދާ ކަމަށާއި، މަސައްކަތްތައް ކުރަނީ މިނިމަމް ސްޓާފުން ނެރިގެން ކަމަށެވެ. މުގުނީ ވިދާޅުވީ ކަރަންޓުގެ މައްސަލައެއް ދިމާވާ ހާލަތުގައި އެތަނަކަށް މުއައްޒަފުން އެޓެންޑްވާނެ ކަމަށެވެ. ނަމަވެސް ގޭގައަށް ވަންނަ ކަމަށްވާނަމަ އަމަލުކުރާނީ ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާއާ ގުޅިގެން އެބޭފުޅުންގެ އިރުޝާދާއެކު ކަމަށާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މުގުނީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮންމެހެން ދާން ޖެހިގެން މެނުނީ މުއައްޒަފުން ނުދާނެ ކަމަށެވެ.
މީގެ އިތުރުން މުގުނީ ވިދާޅުވީ ސްޓެލްކޯގެ މުއައްޒަފުންގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެއްބަޔަކު އޮފީސް ތެރޭގައި ތިބެގެން ކަމަށާއި، އަނެއް މުއައްޒަފުން އޮންކޯލްގައި ތިބެގެން ކަމަށެވެ. ސްޓެލްކޯގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ މުގުނީ ވިދާޅުވީ ޖެނަރޭޓަރުތަކަށް އަބަދުވެސް މައްސަލަތައް ދިމާވާ ކަމަށާއި، ރައްޔިތުންނަށް އެމައްސަލަތައް ނުފެންނަނީ އޭގެ މަސައްކަތްތައް ކުރާތީ ކަމަށެވެ. އަދި ވިދާޅުވީ ބޭނުންވާ ސްޕެއަރޕާޓްތަކާއި، ކަރަންޓު ކެނޑޭހާލަތެއްގައި ވެސް މަސައްކަތް ކުރާނެ ޕްލޭން އެކުލަވާލާ ސްޓެލްކޯ ތައްޔާރުވެފައިވާ ކަމަށެވެ.
އަޅުގަނޑުމެން އަބަދުވެސް މިތިބީ އެކަމަށް ތައްޔާރުވެގެން. ތިއީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތު ކަމަށްބަލައިގެން މަސައްކަތް ކުރަމުން މިގެންދަނީ. އަބަދުވެސް އެއްޗެހިތަކަށް މައްސަލަ ޖެހިޖެހި ހުންނާނީ. އަޅުގަނޑުމެންގެ މަސައްކަތުން ހަގީގަތުގައި އާންމު ރައްޔިތުންނަށް އެކަންކަން ނުފެންނާނި. އެއްޗެއް ބޭނުންވެއްޖެ ކަމަށްވަނީ ނަމަ އަޅުގަނޑުމެންނަށް އެއެއްޗެއް ލިބޭނެ ގޮތްގޮތް މިހާރު ވަނީ ހަމަ ބޭނުން ކުރެވިފައި. އާންމުކޮށް މިމައްސަލަ ސްޕްއެއަ ސްޓޮކް އަބަދުވެސް އަޅުގަނޑުމެން ބަހައްޓަން.
ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ކަރަންޓް ބިލް ބޮޑުވާކަން ފާހަގަކުރައްވައި މުގުނީ ވިދާޅުވީ މުދުވަސްވަރު ކަރަންޓު ބިލް ބޮޑު ވަނީ ހޫނު މޫސުމަށްވާތީ ކަމަށެވެ. މިދުވަސްވަަރު ބިލް ނުދެއްކޭކަމަށްވާނަމަ އެކަން ވަކިން ހުށަހެޅުމަށް ބަލަމުން ގެންދާނެ ކަމަށާއި، ސަރުކާރުން ތައާރަފްކޮށްފައިވާ ޚާއްސަ ޕެކޭޖްތަކުގެ ބޭނުން ހިފުމަށް މުގުނީ އެދިލެއްވިއެވެ.