މުޖުތަމައުގައި ބިރުވެރިކަން އުފައްދަން ފުރުސަތު ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އިމްރާން ބުދަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން މުޅި ޤައުމު ކުއްލި ހާލަތަކަށް އައިސްފައިވާ މި ދަނޑިވަޅު ދައުލަތާއި ރަައްޔިތުންގެ މުދަލަށް ގެއްލުންދީ މުޖުތަމައުގައި ބިރުވެރިކަން އުފެއްދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި މިވަގުތަކީ އެކަކު އަނެކަކަށް އަޅާލާ އިންސާނިއްޔަތުކަމުގެ ސިފަތައް އެންމެ ބޮޑަށް ދައްކަންވީ ވަގުތުކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިފަދަ ދަަނޑިވަޅެއްގައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމަކީ ނުބައިކަން ބޮޑު އަމަލެއް ކަމަށާއި އެފަދަ އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައިވާއިރު، އދ. މަހިބަދޫގައި އަޅާފައި އޮތް ލޯންޗުތަކެއްގައި ބުދަ ދުވަހުގެ ހެނދުނު ހިނގައި ދިޔަ އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ސަލާމަތީ ހިދުމަތްތަކާއި ފުލުހުން ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ. މިހާތަނަށް ހޯދި ހޯދުންތަކުން އެއީ ޓެރަރިޒަމްގެ އަމަލެއްކަމަށް ސިފަ ކުރެވޭ ކަމަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އެހެން ސީދާ އަދި ދަންނަވަން ބޭނުންވެވަޑައިނުގަންނަވާ ކަމަށް ހަމީދު ވިދާޅުވިއެވެ.
ބުދަ ދުވަހުގެ ފަތިހު 5:30 އެހާކަންހާއިރު ހިނގި މި ހާދިސާގައި މަހިބަދޫ ފަޅުތެރޭގައި އަޅާފައިވާ ފަސް ލޯންޗަކާއި، ދެ ޑިންގީއެއްގައި އަލިފާން ރޯވިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އެގޮތުން އަލިފާން ރޯވެފައިވަނީ ޕޮލިސް ލޯންޗަކާއި، އެ އަތޮޅު ކައުންސިލް ލޯންޗަކާއި، ސީ އެމްބިޔުލެންސްގެ ލޯންޗެއްގައެވެ. އަދި އެޗްއެމްއެޗް އައި ޓްރެވަލްސް ކިޔާ ދެ ލޯންޗެއްގެ އިތުރުން ދެ ޑިންގީއެއްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގައި ފަސް ލޯންޗާއި ދެ ޑިންގީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.