ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު މާލެއިން ފެނުމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ވެމްކޯގެ ހުރިހާ ހިދުމަތެއް ވަގުތީގޮތުން މެދުކަނޑާލި ނަމަވެސް ބުރާސްފަތި ދުވަހުން ފެށިގެން އެކުންފުނީގެ ޚިދުމަތްތައް ދޭން ފަށާނެ ކަމަށް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖެޓީވީން ގެނެސްދެމުންދާ ކަވަރޭޖްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މީގެކުރިން މާލެ ސަރަހައްދުގައި ހަފްތާއަކަށް ތިން ގަޑިއިރުގެ ކަރފިއު ހިންގިއިރު ވެމްކޯއިން ޚިދުމަތް ދިންކަން ފާހަގަކުރައްވާ އާދަމް ވިދާޅުވީ އޭރު ޚިދުމަތްތައް ދިނުމަށް ޚާއްސަ ހުއްދައެއް އޮތް ކަމަށެވެ.
އާދަމް ވިދާޅުވީ ލޮކްޑައުންގައި ވެމްކޯގެ ޚިދުމަތްތައް މެދުކަނޑާލީ މާލޭގައި ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތްތައް ކުރެވެމުންދާއިރު އެއްގެއިން އަނެއްގެއަށް އެ ކުންފުނީގެ މުވައްޒަފުން ކުނި ބަލާ ދިއުމަކީ ރައްކާތެރިގޮތެއް ނޫންކަމަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ. ނަމަވެސް ބުރާސްފަތި ދުވަހުން ފެށިގެން ކުނި އުކާލުމުގެ ދިނުން ފަށާނެ ކަމަށެވެ.
އެހެންނަމަވެސް އިރާދަކުރެއްވިއްޔާ މާދަމާ އެ ޚިދުމަތެއް ފަށާނަން. ހުރިހާ ގެއަކުންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލާނަން ކަލެކްޓްކުރަން.ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު
މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ ރިސްކު ލެވެލް ތަކުގައި މަސައްކަތް ކުރާނެ ކޮންޓިންޖެންސީ ޕްލޭނެއެއް އެކުލަވާލާފައިވާނެ ކަމަށެވެ. އަދި ރިސްކްޒޯން ތަކަށް ކުނި ބަލާދާއިރު ދާނީ ރައްކާތެރިކަމުގެ ގިއަރު ބޭނުންކޮށްގެން ކަމަށެވެ.