އަލައޮޅު އިންދަން ބޭނުންވާނަމަ އެކަން ކައުންސިލް އިދާރާއަށް ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު، ނޫނީ އަލައޮޅު ނުއިންދުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.
ގިނަ އަލަ ދަނޑު އިންދާ ހައްދަމުން އަންނަ ރަށެއްކަން ފާހަގަކޮށް، ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ފާއިތުވި ގިނަ އަހަރުތަކުގައި ބައެއް އަލަދަނޑުތައް ނުބަލަހައްޓާ ގިނަ ދުވަސް ވުމުގެ ސަބަބުން އަލަގަސްތައް މަރުވެ އޮޅުތަކުގައި ވަނީ ވިނައާއި އެކިއެކި ގަސްތައް ހެދިފައިވާ ކަމަށެވެ. އަދި މިފަދަ ބައެއް އޮޅުތައް ބަރައި ބައެއް ފަރާތްތަކުން ވަނީ ރުއްގަސް ވެސް އިންދާފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.
ފުވައްމުލަކު ކައުންސިލުން ބުނީ މިދުވަސްވަރަކީ ވަރަށް ގިނަ ފަރާތްތަކަކުން އަލަ ގަސް އިންދާ ދުވަސްވަރަކަށްވެފައި، ބައެއް ފަރާތްތަކުން ވިނަގަސް ހެދިފައިވާ އޮޅުތައް ކުރިން އެއޮޅުތައް ބޭނުންކުރި ފަރާތް ނޫން ފަރާތްތަކުން އަލަގަސް އިންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އެހެންކަމުން މިފަދަ އޮޅުތައް އެހެން ފަރާތަކުން ޖަހަން ބޭނުންވެއްޖެނަމަ، އަމަލު ކުރަމުން އަންނަ އުސޫލަކީ ކައުންސިލަށް އެކަން ހުށަހެޅުމުން އަލައޮޅުގެ ވެރިފަރާތަށް އޮޅުޖެހުމަށް މުއްދަތެއް ދިނުމަށްފަހު އެމުއްދަތުގެ ތެރޭގައި އޮޅު ނުޖަހައިފިނަމަ އޮޅު ބޭނުންވެގެން ހުށަހަޅާފަރާތަށް އޮޅު ދޫކުރުން ކަމަށް ފުވައްމުލަކު ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ އެއްވެސް ފަރާތެއްގެ ބެލެނިވެރިކަމުގެ ދަށުގައި ނުވާ ތަންތަނުގައި އަލަ އޮޅު އިންދަން ބޭނުންވާނަމަ އެކަން އެއިދާރާއަށް ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު ނޫނީ އެތަންތަނުގައި އަލައޮޅު ނުއިންދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް ވަރަށް ބޮޑަށް ދަށްވެފައިވާ މިދަނޑިވަޅުގައި ރަށްރަށުން ދަނޑުވެރިކަން ކުރިއެރުވުމަށް އަންނަނީ ގިނަ މަސައްކަތްތައްތަކެއް ކުރަމުންނެވެ. އަދި ފިޝަރީޒް މިނިސްޓްރީން ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކުރިއަށް އޮތްތާގައި ދަނޑުވެރިން އުފައްދާ ބާވަތައް މާކެޓް ކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.