މާލެއިން ބުދަ ދުވަހު ފެނުނު ކޮވިޑް-19 ކޭސްއާއި ގުޅިގެން ތިން ތަނެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު މާލޭސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިގެން ހ. ރަތްކުރެދި އިމާރާތުގެ 4 ވަނަ ފަނގިފިލާ އަދި ނޫމަސްވާދީ، ސ. ހިތަދޫ މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާކަމަށެވެ. އަދި މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިގެން މ. ޖަރީމާގެ ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ ރަފީގް ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަލިމީހާއާ އެންމެ ގާތްކޮށް އުޅުނު މީހުންނާ ކޮންޓެކްޓްވި މީހުން ލިސްޓު ކުރަމުންދާ ކަމަށާއި، އެ ފަރާތްތައްވެސް ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށެވެ.
އެގޮތުން ޕޮޒިޓިވް ވި މީހާގެ ޑައިރެކްޓް ކޮންޓެކްޓެއް ކ. ކާށިދޫގައި އުުޅުނުކަން ފާހަގަ ކުރެވިގެން ވަނީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެވިފައެވެ.
އެންމެ ފަހުގެ މައުލޫމާތު ތަކަށް ބާލާލާއިރު މިހާތަނަށް 56 މީހެއް ޑައިރެކްޓް ކޮންޓެކްޓްސްގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ. މާލެ ސިޓީއިން 64 ފަރާތެއް ޑައިރެކްޓް ކޮންޓެކްޓްސް ގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު އައްޑޫ އިން 1 ފަރާތެއް ފާހަގަ ކުރެވިފައިވާކަމަށެވެ.
އަދި ސެކަންޑްރީ ކޮންޓެކްޓްސްގެ ގޮތުގައި 119 ފަރާތެއް ފާހަގަ ކުރެވިފައިވެއެވެ. އެގޮތުން މާލެސިޓީން 113 ފަރާތެއް ފާހަގަވެފައިވާއިރު ގދ. ވާދޫ އިން 2 ފަރާތަކާއި އައްޑޫ ސިޓީން 1 ފަރާތަކާއި ކ. ކާށިދޫ އިން ތިން ފަރާތެއް ފާހަގަކުރެވިފައިވެއެވެ.
ކުރިއަށް އޮތް ވަގުތު ތަކުގައި މި އަދަދުތަކަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެކެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ގެ 21 ކޭސްއެއް ފެނިފައިވެއެވެ. އޭގެ ތެރެއިން 6 މީހުންނަކީ ދިވެހިންނެވެ. ބުދަ ދުވަހު މާލެއިން ކޮވިޑް-19 ގެ ކޭސްއެއް ފެނުމާއި ގުޅިގެން މާލެ ސަރަހައްދު ވަނީ 24 ގަޑިއިރަށް ލޮކްޑައުން ކުރެވިފައެވެ.