ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ނާދެވި އިންޑިޔާގައި ތާށިވެފައިވާ މީހުންގެ ތެރެއިން އަންގާރަ ދުވަހު އިންޑިޔާއިން ގެނައި މީހުންގެ ތެރެއިން 9 މީހަކު ކަރަންޓީނުކޮށްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ކަަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާ ގުޅިގެން އެންމެފަހުގެ މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ އިންޑިޔާއިން ގެނައި މީހުންގެ ތެރެއިން 5 މީހުންނަކީ ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ ބަލި މީހުންކަމަށެވެ. އެހެންކަމުން އެމީހުން ވަނީ އައިޖީއެމްއެޗްގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދެއްގައި ކަރަންޓީނުކުރެވިފައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މިމީހުންނަކީ ކިންޑްނީ ބަލިތަކުގެ މީހުންކަމަށްވެފައި ތިން މީހުންނަކީ ޑަޔަލިސިސް ހަދާ މީހުންކަމަށްވާތީ މިމީހުންނާމެދު އެގޮތަށް ކަންކުރެވުނީ. ދެ ކުޑަކުދިން އައިސްފައިވޭ. އެ ދެ ކުދިންގެ ބެލެނިވެރިންވެސް ވަނީ އައިޖީއެމްއެޗް ގައި ހެދިފައިވާ ފެސިލިޓީގައި ބޭތިއްބިފައި. އެހެންވީމާ ޖުމްލަ 9 މީހަކު އެތާންގައި އެބަތިބި.ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް
އިންޑިޔާގެ ބެންގަލޫރުގަޔާއި ކޮޗިންގައި ތިބި 159 މީހަކު ރާއްޖެ ގެނެސްފައިވާއިރު މިމީހުންނަކީ އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށް ގޮސްތިބި ދިވެހިންނެވެ. ބޭރު ގައުމުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު މިހާތަނަށް އިންޑިޔާ، ސްރީލަންކާ އަދި މެލޭޝިޔާގައި ތިބި މީހުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ބައެއް މީހުން ވަނީ ރާއްޖެ ގެނެސްފައެވެ.
މިއެންމެންވެސް ސަރުކާރުން ދައްކާ ތަނެއްގައި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަންޖެހޭއިރު މިހާތަނަށް އާއިރު ކަރަންޓީނު ފެސިލިޓީތަކުގައި 962 މީހަކު ތިބި ކަމަށް މަބްރޫކް ވިދާޅުވި އެވެ.