ދައުލަތުގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ލިބޭނީ މަސައްކަތު ދުވަހެއްގެ 6 ގަޑިއިރު ހަމަ ކުރުމަށްފަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ސޮއިކުރައްވާ ނެރެފައިވާ ސާކިއުލަރއެއްގައި ވަނީ މަސައްކަތު ދުވަހެއްގެ ރަސްމީ ގަޑީގެ ބައެއްގައި ނުވަތަ ރަސްމީ މަސައްކަތު ގަޑީގެ ފަހުގެ ވަގުތެއްގައި މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވި ކަމުގައިވިޔަސް އިތުރު ގަޑީގެ ފައިސާ ދޭންވާނީ އެ މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވަން ފެށި ވަގުތުން ފެށިގެން 6 ގަޑިއިރު ހަމަކުރުމަށްފަހުގައި ކަމަށެވެ.
ސަރުކާރު ބަންދު ކުރެވިފައިވާ ދުވަސްތަކަކީ ޞިއްޙީ ޚާއްޞަ ޙާލަތަކާއި ގުޅިގެން ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ ދުވަސްތަކެއްކަން ފާހަގަކޮށް ފިނޭންސް މިނިސްޓްރީން ބުނީ އެ ދުވަސްތަކަކީ ޤައުމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގެ ތެރޭގައި ނުހިމެނޭ ދުވަސްތަކެއް ކަމަށް ރައީސް އޮފީހުން ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އިތުރު ގަޑީގައި ފައިސާ ދިނުމުގައި ބަންދު ދުވަސްތައް ކަމަށް ބަލާނީ ރައީސް ކަނޑައަޅުއްވާފައިވާ ޤައުމީ ބަންދު ދުވަސްތަކާއި ސަރުކާރުން ބަންދު ދުވަސްތައް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިތުރު ގަޑީގެ ފައިސާ ދިނުން އެންމެ ރަނގަޅު ކަމަށް ކަނޑައަޅާފައިވާ މުވައްޒަފުންނަކީ އޮފީސްތައް ނުހުޅުވާ ހުންނަ މުއްދަތުގެ ތެރޭގައި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ޚިދުމަތްތައް ދިނުމަށް މަސައްކަތަށް ނެރޭ މުވައްޒަފުންނާއި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފިޔަވަޅު އެޅުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ނެރޭ މުވައްޒަފުންގެ އިތުރުން ދައުލަތުގެ އިދާރާ އަކުން ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ދިނުމަށްޓަކައި އެ އިދާރާއެއްގެ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތުގެ މަތިން މަސައްކަތް ކުރުމަށް އޮފީހަށް ނެރޭ މުވައްޒަފުންނެވެ.
މި ޙާލަތްތަކުގައި މަސައްކަތަށް ނެރޭ މުވައްޒަފުން ފިޔަވާ އެހެން މުވައްޒަފުންނަށް، އިތުރު ގަޑީގެ ފައިސާ އާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިނާޔަތް ނުލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ އިޤުތިޞާދީ ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ވެސް މީގެ ނޭދެވޭ އަސަރުކޮށްފައިވާ މި ދަނޑިވަޅުގައި، ދައުލަތުގެ އޮފީސްތަކުގެ މަސައްކަތްތައް ރާވައި، މުވައްޒަފުންނަށް އެ މަސައްކަތްތައް ޙަވާލު ކުރަންވާނީ އިތުރު ގަޑީގައި މަސައްކަތް ކުރަން ނުޖެހޭ ގޮތަށް ކަމަށާއި ދައުލަތުގެ ޚަރަދުތައް ވީހާ ވެސް ކުޑަކުކުރެވޭނެ ގޮތަށް އެ އޮފީހެއްގެ މަސައްކަތްތައް ރާވާ ހިންގުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.