Advertisement
ކ. މާލެ
|
31 މާރޗް 2017 | ހުކުރު 09:19
ޝާހިދު: ދެން ސަރުކާރުގެ މަޅީގައި ނުޖެހޭނެ ކަމަށް ވިދާޅުވި
ޝާހިދު: ދެން ސަރުކާރުގެ މަޅީގައި ނުޖެހޭނެ ކަމަށް ވިދާޅުވި
ސަން
ޝާހިދު
ރައީސް ނަޝީދުގެ ހަށިކޮޅުގައި އިނގިލި ކުރިވެސް ދެން ޖައްސާނުލެވޭނެ:ޝާހިދު
ޝާހިދު ވިދާޅުވީ ސަރުކާރުން އަނެއްކާވެސް ދަޅަދައްކާލައިފި ކަމަށް
އަޅުގަނޑުމެން އެއްލި ބުޅި މިސަރުކާރު އެއޮތީ ކާލައި ކަރުބުޑަށްލައިގެން

ރައީސް ނަޝީދަށް ކިތައްމެ ދައުވާއެއް ދެން ކުރެއްވިއަސް މި ހުދުމުޚްތާރު ސަރުކާރަކަށް ދެން އެ މަނިކުފާނުގެ ހަށިކޮޅުގައި އިނގިލި ކުރިވެސް ޖައްސާ ނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން އަންނަވާ ޝާހިދު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރައްވާ އެމްޔޫއޯގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ބުރާސްފަތި ދުވަހުގެރޭ ހދ ވައިކަރަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދަށް ދެވަނަ ފަހަރަށް ޓެރަރިޒަމްގެ ދައުވާ ކުރި ކުރުމަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ މިސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށާއި މިސަރުކާރުގެ އަނިޔާވެރިކަން ގޮސްފައި ހުރި ހިސާބަކީ ރާއްޖޭގެ އެތައް ބަޔަކު ތާއީދު ކުރާ ރައީސް ނަޝީދަށް ނުހައްގުން ޝަރީއަތްކޮށް ޖަލަށް ލައި ޖަލުގެ ކުޑަގޮޅީގައި ބާއްވައިގެން ލާއިންސާނީ އެތައް އަނިޔާއެއް ކުރުން ކަމަށެވެ.

ޝާހިދު ވިދާޅުވީ ކިތައްމެ ދައުވާއެއް ކުރިއަސް ދެން ރައީސް ނަޝީދުގެ ހަށިކޮޅުގައި އަތް ނުލެވޭނެ ކަމަށާއި ދެން ރައީސް ނަޝީދު  ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައެވެ.

"ކިތައްމެ ދައުވާއެއް ކުރިއަސް ދެން ރައީސް ނަޝީދުގެ ހަށިކޮޅުގައި އަތެއް ނުލެވޭނެ. ދެން ރައީސް ނަޝީދު މާލެވަޑައިގަންނަވާނީ މިނިވަން ރައްޔިތެއްގެ ގޮތުގައި. އެމަނިކުފާނު ވަޑައިގެން އަޅުގަނޑުމެންގެ ރައީސެއްގެ ގޮތުގައި ވެވަޑައިގަންނަވާނެ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުން އަނެއްކާވެސް ދަޅަދައްކާލައިފި ކަމަށާއި ވާހަކަދައްކަން އައުމަށް ސަރުކާރުން އަނެއްކާވެސް ގޮވާލާފައިވާ ކަމަށެވެ. ނަމަވެސް ބޯމައްޗަށް ޖަހައިގެން ހުރި ކޮންމެ މީހަކަށް އެނގޭނެ ހަޤީގަތަކީ އެމަޅީގައި ނުޖެހޭނެކަން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި ވިދާޅުވީ ރައީސް ނަޝީދު ގެނެސް ޖަލުގޮޅިއަށް ލައިގެން ވާހަކަ ދައްކަން ޖެހޭ ސަރުކާރެއް ދިވެހިރާއްޖެއަކު ނޯންނާނެ ކަމަށެވެ.

ރައީސްނަޝީދު ޖަލު ގޮޅިއަށްލައިގެން ވާހަކަ ދައްކަންޖެހޭ ސަރުކާރެއް މި ދިވެހިރާއްޖެއަކު ނޯންނާނެ. އަޅުގަނޑުމެން އެއްލި ބުޅި މިސަރުކާރު އެއޮތީ ކާލައި ކަރުބުޑަށްލައިގެން. ދެން މިހާރު އެއޮތީ ނޭވާ ހޮޅިއަށް އެޅިފަ." ޝާހިދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް