ދުވާލެއްގެ މައްޗަށް މިހާރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ޖައްސަނީ އިންޓަރނޭޝަނަލް ދެ ފްލައިޓްކަމަށް، އެ އެއަރޕޯޓު ހިންގާ، މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްޢެސީއެލް) އިން ބުނެފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ 54 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞޯލިހް ވިދާޅުވީ 2019 ވަނަ އަހަރަކީ އެއަރޕޯޓުގެ ހަޔާތުގައި ކާމިޔާބު އަހަރެއް ކަމަށެވެ. އެގޮތުން ނިމުނު އަހަރު އެއަރ ޓްރެފިކް މޫވްމެންޓް 16 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، އެއަރޕޯޓު ބޭނުންކުރާ ފަސިންޖަރުންގެ އަދަދު 13 އިންސައްތަ އިތުރުވެގެންދިޔަ ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އެއަރޕޯޓަށް ބޮޑު ހުއްޓުމެއް އައިސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މޫސާ ސޯލިހް ވިދާޅުވި ގޮތުގައި މީގެކުރިން ދުވާލެއްގެ މައްޗަށް 40 އިންޓަރނޭޝަނަލް ފްލައިޓް، އެއަރޕޯޓުގައި ޖައްސައެވެ. ނަމަވެސް މިހާރު އެ އެއަރޕޯޓުގައި ޖައްސަނީ ދުވާލެއްގެ މައްޗަށް އެންމެ 2 އިންޓަރނޭޝަނަލް ފްލައިޓުކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެތެރޭގެ އުދުހުންތައްވެސް 50 ފްލައިޓުން 5 ފްލައިޓަށް މަދުވެފައިވާކަމަށް މޫސާ ސޯލިހް ވިދާޅުވިއެވެ.
ކުންފުނީގެ އެންމެ ބޮޑު އެސެޓަކީ ކުންފުނީގެ މުވައްޒަފުންކަން ފާހަގަކޮށް، މޫސާ ސޯލިހް ވަނީ މި ދަނޑިވަޅުގައިވެސް ފްރަންޓްލައިންގައި މަސައްކަތްކުރާ އެއަރޕޯޓްގެ މުވައްޒަފުން ކުރާ މަސައްކަތް ފާހަގަކުރައްވާ، ޝުކުރު އަދާކުރައްވާފައެވެ. އަދި އެ މުވައްޒަފުން އެކުރާ މަސައްކަތަކީ ޤައުމީ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވާފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރުގެ ވެރިކަމުގައެވެ. އެއީ 12 އޭޕްރީލް 1966 ގައެވެ. އެ ދުވަހުން ފެށިގެން ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓެވެ. ނަމަވެސް އެއަރޕޯޓުގެ ނަން އެކި ފަހަރުމަތިން ބަދަލުކޮށްފައިވާއިރު، މިހާރު ބޭނުންކުރަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނަމަށް، އެއަރޕޯޓުގެ ނަން ބަދަލުކުރެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. އޭގެކުރިން އެއަރޕޯޓަށް ދެވިފައިވަނީ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނަމެވެ.