ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ވައިގެ ބަނދަރު ބަންދުކޮށް ފަތުރުވެރިން އައުން މަނާކޮށްފައިވާއިރު، ކުރިޔަށް އޮތް ތަނުގައި އެންމެ އަވަހަށްވެސް ފަތުރުވެރިން ގެނެވެނޭ ދުވަހެއް ހޯދުމުގެ ދިރާސާއެއް ކުރުމަށް ގައުމީ ޔުނިވަރސިޓީ އާ ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
ފަތުރުވެރިކަމާއި ބެހޭ ދިރާސާ އެއް ހެދުމަށް، އެމްއެންޔޫ އާ ހަވާލުކުުރުމަށް ހުށައެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެވެ. އެ ހުށައެޅުން ހުށައަޅުއްވަމުން އިލްޔާސް ވިދާޅުވީ، އެންމެ އަވަހަށް ރާއްޖެެއަށް ފަތުރުވެރިން ގެނެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓެއް އެކުލަވާލާފައިވޭތޯ ބަލަން ޓޫރިޒަމް މިނިސްޓްރީން ހުށައަޅަން ޖެހޭ ކަމަށެވެ. ގިނަ އިދާރާތަކުން އެފަދަ ދިރާސާއެއް ހެދިފައި ނުވާތީ އިލްޔާސް ހުށައެޅުއްވީ، މަޖިލީހުގެ ކޮމިޓީން އެކަމަށް ދިރާސާއެއް ހެދުން ނުވަތަ ތާޑް ޕާޓީއަކާއި ބަޔަކާއި ހަވާލުކޮށްގެން އެކަން ކުރުމަށެވެ. އެގޮތުން ގައުމީ ޔުނިވާސިޓީ އިން ފޯކާސްޓެއް އެކުލަވާލުމަށް އޭނާ ހުށައެޅުއްވިއެވެ.
އެކަމާއި ގުޅޭ ގޮތުން، ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބް ރައީސްކަންވެސް ކުރައްވާ އީވާ އަބްދުﷲ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމްއަށް އަންނާނެ ހީނާރުކަމުގެ ދިރާސާއެއް ހެދިފައި އޮންނަ ޖެހޭ ކަމަށް ގަބޫލްކުރައްވާ ކަމަށެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން އަންނަ ގިނަ ގައުމުތަކުގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާއިރު މި ދަނޑިވަޅުގައި ޓޫރިޒަމް މިނިސްޓްރީން ''ފޯކާސްޓެއް'' ހެދޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އިލްޔާސްގެ ހުށައެޅުއްވުން ފާސްކޮށްފައިވަނީ، ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.