ކޮވިޑް-19 އާ ގުޅިގެން ދިމާވެދާނެ ނުރައްކާތެރި ހާލަތަކުން ރައްކާތެރިކަން ހޯދައި ދިނުމުގެ ފިޔަވަޅެއްގެ ގޮތުން މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ބޭތިއްބުމަށް ހުޅުމާލޭގައި ޤާއިމުކުރާ މަރުކަޒު ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.
ނައިބު ރައީސް އެތަނަށް ޒިޔާރަތް ކުރެއްވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

މިއީ ކޮވިޑް-19 ވައިރަސްއާ ގުޅިގެން ބިދޭސީންގެ ތެރޭގައި ވައިރަސް ފެތުރޭ ގޮތް ވެއްޖެނަމަ ދިމާވެދާނެ ނުރައްކާތެރި ހާލަތަކުން ސަލާމަތްވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ބިދޭސީން ބޭތިއްބުމަށް ހަމަޖައްސާ 800 މީހުންގެ ޖާގައިގެ ތަނެއް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

ނައިބު ރައީސް އެ މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.