މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަމާއި ގުޅޭ ތަފްސީލް ހިއްސާކޮށް ސިޓީ ކައުންސިލުން ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ދިމާވެދާނެ ނުރައްކާތެރި ޙާލަތަކުން ރައްކާތެރިކަން ހޯދައިދިނުމުގެ ފިޔަވަޅެއްގެ ގޮތުން، މާލޭގައި ތޮއްޖެހިގެން ދިރިއުޅޭބިދޭސީން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފައިވާކަމަށެވެ.
މާލޭ ސިޓީ ކައުންސިލާ، މޯލްޑިވްސް އިމިގްރޭޝަންއާއި، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ފެށި މި މަސައްކަތުގެ ދަށުން އާދިއްތަ ދުވަހުގެ ހެނދުނު 200 ބިދޭސީން އެހެން ތަނަކަށް ބަދަލުކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މި މަސައްކަތުގެ ދަށުން މިހިނދަށް ބިދޭސީން ބަދަލުކުރަމުން ގެންދަނީ އެޗް.ޑީ.ސީ،ގެ ފަރާތުން ހަމަޖައްސަވާފައިވާ 800 މީހުންގެ ޖާގައިގެތަނަކަށެވެ. މިގޮތުން ބަދަލުކުރަމުން ގެންދަނީ ތޮއްޖެހިފައިވާ ގޮތަށް ދިރިއުޅެމުން ގެންދާ ބިދޭސީންނެވެ. ބަދަލުކުރުމުގައި އެކިތަންތަނުގައި މަސައްކަތްކުރާ ބިދޭސީން ހިމެނޭއިރު ބަދަލުކުރުމަށް ފަހު އެމީހުންގެ ރަޖިސްޓްރީ ހަދައި އެމީހަކު މަސައްކަތު ދާންޖެހޭ ތަނަކަށް ގެންގޮސްދިނުމަށް ބަސްދަތުރުތަށް، ޢާއްމު ދަތުރުތަކުގެ އިތުރުން މިކަމަށް ޚާއްޞަކޮށް ހަމަޖައްސައި ދިނުމަށް ނިންމާފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
12 އެޕްރީލް 2020 ވަނަ ދުވަހު ފަތިހު 5:30 ގައި ސިޓީ ކައުންސިލްގެ ޢާއްމު ހިދުމަތްތަކާބެހޭ ބައިގައި ފެށުނު މި މަސައްކަތުގައި ކަމާބެހޭހުރިހާ މުވައްސަސާއަކުން ބައިވެރިވެފައިވެއެވެ. މިކަން ކޯޑިނޭޓްކޮށް ހިނގުމުގެ މަރުކަޒެއްކަމުގައި ހަމަޖައްސާފައިވަނީ ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކާބެހޭ ބައެވެ.
މިއީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ބިދޭސީންގެ ތެރޭގައި ބަލި ފެތުރޭގޮތް ވެއްޖެނަމަ ދިމާވެދާނެ ނުރައްކާތެރި ކަންތައްތަކަކުން ސަލާމަތްވުމަށްއަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެތެރެއިން ފިޔަވަޅެއްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި މި ރޯގާއާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވަނީ ގްރޭޓަރ މާލޭގައި ސަރވޭކޮށް ބިދޭސީން ދިރިއުޅޭ ތަންތަނާއި އެތަންތަނުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތާއި ޙާލަތުތަށް ދެނެގަނެ ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކަށް ހުށަހަޅާފައެވެ.