ކޮވިޑް-19 އާ ގުޅިގެން ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކަށް ސަރުކާރުން ދޭން ނިންމި 100 މިލިއަން ރުފިޔާ ލޯނުގެ ދަށުން، މިހާތަނަށް ހަތަރު ކުންފުންޏަކަށް 20 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ހޮނިހިރު ދުވަހުގެރޭ، ދަރުބާރުގޭގައި ޤާއިމުކޮށްފައިވާ ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ.އެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ބޮޑު ކަންނެލީގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ގެނެސްދިނުމުގެ ގޮތުން ސަރުކާރުން ހަމަޖައްސާފައިވާ 100 މިލިއަން ރުފިޔާގެ ލޯނަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެވެ. އެގޮތުން މިހާތަނަށް ހަތަރު ކުންފުންޏަކަށް 20 މިލިއަން ރުފިޔާގެ ފައިސާ ދޫކޮށްފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
ފައިސާ އަޅުގަނޑުމެން މި ދަނީ ކޮންމެ 10 ދުވަހަކުން ދޫކުރަމުން. އެއީ ކުންފުންޏަކުން ގަންނަ އަދަދަކަށް ބަލާފައި.ޒަހާ ވަހީދު - ފިޝަރީޒް މިނިސްޓަރު
ބޮޑު ކަންނެލިކަން ކުރާ މަސްވެރިން ވަނީ، އެ މަސްވެރިން ބާނާ މަސް ކުުންފުނިތަކުން ނުގަންނާތީވެ އެކަމުގެ ޝަކުވާ މީގެ ކުރިން ފިޝަރީޒް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައެެވެ. ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ކަންނެލި މަހުގެ ޑިމާންޑް ދަށްވަމުންދާ ކަމަށް ބުނެ ބޮޑު ކަންނެލި މަސް ގަންނަ ފަރާތްތަކުން ކަންނެލިގަތުން ދަށްކޮށްފައިވާތީއާއި، މަސް ބޭރުކުރުމަށް ހުރަސްތައް ކުރިމަތިވަމުންދާތީ އެތައް ސަތޭކަ މަސްވެރި ޢާއިލާއެއްގެ ޢާމްދަނީ ހުއްޓުމަކަށް އައިސްފައިވާކަމަށް ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ވަނީ މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައެވެ.