Advertisement
ކ. މާލެ
|
31 މާރޗް 2017 | ހުކުރު 04:38
ޕީޕީއެމްގެ ރައީސްގެ އޮފީސް - އެ އޮފީސް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ
ޕީޕީއެމްގެ ރައީސްގެ އޮފީސް - އެ އޮފީސް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ
މުހައްމަދު ޝަރުހާން
ޕީޕީއެމްގެ ކޯޅުން
ޕީޕީއެމްގެ ރައީސް މައުމޫނުގެ އޮފީސް ބަންދުކުރުމަށް ފުލުހުންނަށް އަމުރުކޮށްފި
ޕީޕީއެމްގެ ނަމުގައި އެއްވެސް ޖަލްސާއެއް ބާއްވާ ނަމަ އަދި އެ ޕާޓީގެ ލޯގޯ ބޭނުންކޮށްގެން އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވުމަށް އަމުރުކޮށްފައިވޭ
ރައީސް މައުމޫނު ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރުމަށް ރައީސް ޔާމީންގެ ފެކްޝަންގެ ސުލޫކީ ކޮމެޓިން ވަނީ ނިންމާފަ

ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުއްޤައްޔޫމްގެ އޮފީސް ބަންދުކުރުމަށް، ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފި އެވެ.

ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް އަބުދުﷲ ޔާމީނާއި ކޯޓް މެދުވެރިކޮށް ހަވާލްކޮށްފައިވަނިކޮށް، އެ ޤަސިއްޔާގެ ބާރު ނަފީވާގޮތަށް، ހުކުމަށް ކިޔަމަންވުމެއްނެތި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސްގެ އޮފީހުގެ ނަމުގައި އޮފީހެއް ހަދާ، ޕީޕީއެމްގެ ލޯގޯއާއި ދިދަ ބޭނުންކޮށް، ޕީޕީއެމްގެ ނަމުގައި ހަރަކާތްތައް ހިންގަމުންގެންދާކަމަށާ އެއީ އެ ޤަޒިއްޔާ ތަންފީޒުވުމަށް ހުރަސްއެޅޭ ކަންކަންކަމަށް ކޯޓް އަމުރުގައިވެ އެވެ. އެހެންކަމުން ޕީޕީއެމްގެ ނަމުގައި އެއްވެސް ޖަލްސާއެއް ބާއްވާ ނަމަ އަދި އެ ޕާޓީގެ ލޯގޯ ބޭނުންކޮށްގެން އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވުމަށް އަމުރުކޮށްފައިވެއެވެ. އަދި ހ. ތެމާގައި، ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި މައުމޫން ހިންގަވަމުން ގެންދެވި އޮފީސް ބަންދުކޮށް، އެ ތަނުގައި ހުރި ޕީޕީއެމްގެ ދިދަ ނެގުމަށް ފުލުހުންނަށް އަމުރުކޮށްފައިވެ އެވެ. 

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި އޮފީހެއް ޤާއިމްކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ ހުރިހާ މުދަލާއި ބާރުތަކެއް ގެންދިއުމާއ ގުޅިގެން  2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ޕީޕީއެމްގެ ރައީސްގެ އޮފީސް ބަންދުކުރުމަށް ފުލުހުންނަށް ސިވިލް ކޯޓުން އަމުރުކުރިއިރު، ރައީސް މައުމޫނު ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރުމަށް ރައީސް ޔާމީންގެ ފެކްޝަންގެ ސުލޫކީ ކޮމެޓިން ވަނީ ނިންމާފަ އެވެ. އަދި އެމަނިކުފާނު ހުންނެވި ޕީޕީއެމްގެ ރައީސް މަޤާމުވެސް ވަނީ ގެއްލުވާލާފަ އެވެ. ނަމަވެސް ރައީސް މައުމޫނު ވިދާޅުވީ، އެމަނިކުފާނު ޕީޕީއެމް އިން ވަކިނުކުރެވޭނެ ކަމަށެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް