ސަރުކާރު ބަންދުކޮށްފައިވީ ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީން ދެމުން އަންނަ ބައެއް ޚިދުމަތްތައް ދިނުމަށް އެ އޮތޯރިޓީން ނިންމައިފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވަނީ ކޮވިޑް 19 ރޯގާއާއި ގުޅިގެން، 19 މާރޗް 2020 އިން ފެށިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ސަރުކާރުން ހަމަޖައްސާފައިވާތީ، އެ އޮތޯރިޓީން ދެމުން ގެންދާ ޚިދުމަތްތައް ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
ނަމަވެސް 12 އެޕްރީލް 2020 (މިއަދު)ން ފެށިގެން ބައެއް ޚިދުމަތްތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ދިނުމަށް ނިންމާފައިވާ ޚިދުމަތްތަކަކީ؛
- 28 ފެބްރުއަރީ 2020 ގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ، އެއްގަމާއި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އާ ކުރުން.
- އަލަށް ރަޖިސްޓަރީ ކުރެވޭ ސައިކަލު ރަޖިސްޓަރީ ކުރުން.
- މާލެ ފިޔަވައި އެހެންތަންތަނަށް އަލަށް ރަޖިސްޓަރީ ކުރެވޭ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުން.
- އަލަށް ރަޖިސްޓަރީ ކުރެވޭ ކަނޑުގެ އުޅަނދު ރަޖިސްޓަރީ ކުރުން
- އޮޑީގެ ނަންބަރުގެ ޚިދުމަތް ދިނުން
އެ އޮތޯރިޓީން ބުނީ މި ޚިދުމަތްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅޭނީ ކޮންމެ ހަފުތާއަކު އާދިއްތަ އަދި އަންގާރަ ދުވަހުގެ ހެނދުނު 09:00 އިން މެންދުރު 12:00 އަށް ކަމަށެވެ. އަދި އެޕްލިކޭޝަން ހުށަހަޅާނީ އެ އޮތޯރިޓީގައި ޤާއިމު ކުރެވިފައިވާ "އެޕްލިކޭޝަން ބޮކްސް" އަށް ކަމަށެވެ.
މިގޮތުން ހުށަހަޅާ ކޮންމެ އެޕްލިކޭޝަނާއެކު ޗެކްލިސްޓް ހުށަހަޅަންވާނެ ކަމަށާއި، އަދި "އެޕްލިކޭޝަން ބޮކްސް" އަށް ހުށަހަޅާ ކޮންމެ އެޕްލިކޭޝަނެއް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ވަކި ސިޓީއުރައެއްގައި އެޕްލިކޭޝަން ފޯމު ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯން ނަންބަރު އެނގޭގޮތަށް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ. އަދި ސިޓީ އުރައެއްގައި ހުށަހެޅޭނީ 1 އެޕްލިކޭޝަން ކަމަށާއި، މިނޫންގޮތަކަށް ހުށަހަޅާ އެޕްލިކޭޝަންތަކަށް ޚިދުމަތެއް ނުދެވޭނެ ކަމަށް ބުނެފައިވެއެވެ.
އަދި އެޕްލިކޭޝަންތައް ޗެކްކޮށް ނިމުމުން، ފައިސާ ދެއްކުމަށް ވަޑައިގަތުމަށް ގުޅަމުން ގެންދާނެ ކަމަށާއި، އެ އޮތޯރިޓީއަށް ވަޑައިގަތުމަށް އަންގާ ފަރާތްތްތަކުން ވަޑައިގަތުމަށް އަންގާ ގަޑީގެ 5 މިނިޓް ކުރިން ވަޑައިގަތުމަށް ވަނީ އެދިފައެވެ.