ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތައް ދިރިއުޅުމަށް ވަޒީފާ ދޭފަރާތުން 'އެކޮމަޑޭޝަން' ހަމަޖައްސައިދިނުމުގެ އުޞޫލު ޢާންމުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނެފައިވަނީ ވަޒީފާދޭ ފަރާތުން ބިދޭސީ މަސައްކަތްތެރީން ބައިތިއްބަން ވާނީ، މި އުޞޫލުގައިވާ މިންގަނޑުތަކަށް ފެތޭ އެކޮމަޑޭޝަންތަކުގައި ކަމަށެވެ. އަދި މި އުޞޫލަށް ޢަމަލުކުރަން ފެށޭނީ މި އުޞޫލު އިޢުލާނުކުރެވޭ ދުވަހުން ފެށިގެން 6 މަސް ދުވަސް ފަހުން (11 އޮކްޓޫބަރު 2020) ގައެވެ.
އަދި މި އުޞޫލުގައިވާ މިންގަނޑުތަކާ އެއްގޮތަށް ނުހުންނަ އެކޮމަޑޭޝަން ފެސިލިޓީތަކުގައި ބައިތިއްބާ ފަރާތްތަކާމެދު މި އުޞޫލުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެކަމަށް ވެސް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.
މި އުޞޫލުގައިވާ ގޮތުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތައް ދިރިއުޅުމަށް ހަމަޖައްސައިދޭންޖެހޭ ތަންތަން ރަޖިސްޓްރީކުރަން ޖެހެއެވެ. އެގޮތުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތައް ދިރިއުޅުމަށް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭތަންތަން، ބިދޭސީ ފަރާތް ރާއްޖެ ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް އެދުމުގެ ކުރިން، ބިދޭސީ ފަރާތަށް ހަމަޖައްސައިދެވޭ 'އެކޮމަޑޭޝަން' އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓަރީ ކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.
އަދި 'އެކޮމަޑޭޝަން ރަޖިސްޓްރީ ކުރެވޭނީ ވަޒީފާ ދޭފަރާތުން އެކްސްޕޯޓް ސިސްޓަމުން 'އެކޮމަޑޭޝަން ރަޖިސްޓްރޭޝަން ރިކުއެސްޓް' ގައި ވަޒީފާ އަދާކުރާ ފަރާތްތައް ދިރިއުޅުމަށް ހަމަޖައްސައިދޭ ތަނަކީ ވަޒީފާ ދޭފަރާތުގެ އަމިއްލަ ތަނެއްނަމަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީ އާއި މި އިމާރާތުގައި ބިދޭސީ ފަރާތްތަކަށް އެކޮމަޑޭޝަން ހަމަޖައްސައިދޭކަން ބަޔާންކުރާ ލިޔުމެއް ހުށަހަޅަން ޖެހެއެވެ. އަދި ވަޒީފާ އަދާކުރާ ފަރާތްތައް ދިރިއުޅުމަށް ހަމަޖައްސައިދޭ ތަނަކީ ވަޒީފާ ދޭފަރާތުން ކުއްޔަށް ހިފާފައިވާ ތަނެއްނަމަ، ވަޒީފާ ދޭފަރާތުގެ ނަމުގައި ކުއްޔަށް ހިފާފައިވާ ރެންޓް އެގްރީމަންޓްގެ ކޮޕީ އަދި ފްލޯ ޕްލޭންގެ ކޮޕީ ހުށަހަޅަން ޖެހެއެވެ. މީގެ އިތުރުން އެތަނެއްގައި ހުރި ކޮޓަރީގެ ޢަދަދާއި އެނދުގެ ޢަދަދު އަދި ހުރި ވަޞީލަތްތަކުގެ މަޢުލޫމާތު ވެސް ހިމަނަން ޖެހެއެވެ.
މި އުޞޫލުގައި އެކޮމަޑޭޝަން ދޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތަކެއް ވެސް ވަނީ ހިމަނާފައެވެ. އެގޮތުން އެތަނެއްގައި އަލި ހުންނަންޖެހޭ ވަރާއި، ވައި ބޭރުވާނެ ގޮތަކާއި، ތަނުގެ ބޮޑު ކުޑަމިން އަދި ތިބެންޖެހޭ މީހުންގެ ޢަދަދު ވެސް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ފާހާނާ، ފެނާއި ނަރުދަމާ، ކައްކާނެ އިންތިޒާމާއި، ސަލާމާތާއި ރައްކާތެރިކަން ހުންނަންޖެހޭ ގޮތް ވެސް މި އުޞޫލުގައި ވަނީ ހިމަނާފައެވެ.