ކޮވިޑް-19 ރޯގާއާ ގުޅިގެން އިޢުލާނުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ދައުލަތުގެ އިދާރާތައް ބަންދުކޮށްފައި ހުންނަ މުއްދަތުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށްދާނެގޮތުގެ އުޞޫލު އާދިއްތަ ދުވަހު ޢާންމުކޮށްފިއެވެ.
މިގޮތުން، އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅުމާއި ބަލައިގަތުމާއި، މައްސަލަ ހުށަހެޅުމާއި ރަޖިސްޓްރީ ކުރުމާއި، އަދި ކުށުގެ ރެކޯޑު ސާފުކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ ތަފުޞީލު އެ އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ކުރިން ތާވަލުކުރެވިފައިވާ ޝަރީޢަތްތަކާއި ކޮންމެހެން ކުރިއަށްގެންދަންޖެހޭ މައްސަލަތަކުގެ ތަފުޞީލާއި، ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެގޮތުގެ ތަފުޞީލުވެސް އެ އުސޫލުގައި ހިމެނެއެވެ.
އެއުޞޫލުގައި ބުނެފައިވާގޮތުން، އީ-މެއިލް ނުވަތަ އިލެކްޓްރޯނިކް ވަޞީލަތްތައް މެދުވެރިކޮށް މުޢާމަލާތް ނުކުރެވޭ ފަރާތްތަކަށް ނުވަތަ އެފަދަ ވަޞީލަތްތައް މެދުވެރިކޮށްގެން މުޢާމަލާތް ކުރުމަށް ދަތިވާ ފަރާތްތަކަށް މި މުއްދަތުގެ ތެރޭގައި ޚިދުމަތް ފޯރުކޮށް ދިނުމަށް ކޮންމެ ހަފުތާއެއްގެވެސް ހޯމަ އަދި ބުރާސްފަތިދުވަހުގެ 10:00 އިން 14:00 އަށް ސުޕްރީމް ކޯޓު ހުޅުވިފައި ހުންނާނެ އެވެ.
ކޮވިޑް-19 ރޯގާ ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މިދިއަ މާރޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވަނި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާން ކޮށްފަ އެވެ. އަދި މިހާރު ވަނީ އެމުއްދަތު މިމަހުގެ 30ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
ކޮވިޑް-19އަށް ރާއްޖެއިން 20 މީހަކު ޕޮޒިޓިވްވެފައިވާއިރު، ފަސް ދިވެއްސަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. ފަސްވަނަ މީހާ ޕޮޒިޓިވްވިކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިއުލާންކުރީ އާދިއްތަ ދުވަހު އެވެ. އެއީ މުޅިންވެސް ރާއްޖެއިން ބޭރުން އައި ދިވެހިންނެވެ.