ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން އިޓަލީ ލޮކްޑައުންކޮށްފައި އޮތްއޮތުން އަންނަ މެއި މަހުގެ 3 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޖުޒަޕޭ ކޮންޓީ ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު އެގައުމުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ އެކަން އިއުލާންކުރައްވަމުން ބޮޑު ވަޒީރު ވިދާޅުވީ ވަކި ވައްތަރެއްގެ މަދު ފިހާރަތަކެއް ހުޅުވުމުގެ ހުއްދަ އަންނަ ހަފްތާގައި ދެއްވާނެކަމަށެވެ. މަރޗް މަހުގެ 9 ވަނަ ދުވަހުން ފެށިގެން މުޅި އިޓަލީ ލޮކްޑައުންކޮށްފައިވާއިރު ފިހާރަތަކާއި ވިޔަފާރިތައް ބަންދުކުރަން ނެރެފައިވާ އަމުރު މިފެށޭ ހަފްތާގެ ހޯމަ ދުވަހު ނިމުމަކަށް އަންނާނެ އެވެ.
މިއީ އުނދަގޫ އެހެނަސް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް. މިކަމުގެ ސިޔާސީ ގޮތުން ނަގަންޖެހޭ ހުރިހާ ޒިންމާއެއް އަހަރެން ނަގަންޖުޒަޕޭ ކޮންޓީ /އިޓަލީގެ ބޮޑުވަޒީރު
ލޮކްޑައުންކޮށްފައި އޮތްނަމަވެސް ފޮތްފިހާރަތަކާއި ކުޑަކުދިންނަށް ބޭނުންވާ ހެދުން ވިއްކާ ފިހާރަތަކާއި ސްޓޭޝަނަރީ ވިއްކާ ފިހާރަތައް އަންގާރަ ދުވަހުން ފެށިގެން ހުޅުވުމުގެ ހުއްދަ ބޮޑުވަޒީރު ވަނީ ދެއްވާފަ އެވެ. އެގައުމުގެ ފެކްޓްރީތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން އެދާއިރާގެ މީހުންވަނީ އިޓަލީގެ އިގްތިސާދު ދަށަށްދާނެކަމުގެ އިންޒާރުދީފަ އެވެ. އަދި އެތަންތާންގައި މަސައްކަތްކުރާ މީހުންގެ ވަޒީފާތައް ނެތިގެންގޮސް މާކެޓަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް އިންޑަސްޓްރީގެ ކަމާބެހޭ މާހިރުން އަންނަނީ ބުނަމުންނެވެ.
ނަމަވެސް ކޮންޓީ ވިދާޅުވީ ކޮވިޑް-19 އިޓަލީގައި ފެތުރޭގޮތާއި ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުންގެ ކަންކަން ކޮންމެ ދުވަހަކު ބައްލަވަމުން ގެންދަވާކަމަށާއި ނިންމުންތައް ނިންމަވަނީ އެކަންކަމަށް ރިޢާޔަތްކުރުމަށްފަހު ކަމަށެވެ. އަދި ކިރިޔާވެސް ކަންކަން ރަނގަޅުވާނަމަ މަސައްކަތްތައް ކުރުމަށް ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ދެއްވާނެކަމަށް ކޮންޓީ ވިދާޅުވި އެވެ.
ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އިޓަލީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު އެގައުމަކީ އެންމެ ގިނަ އަދަދަކަށް މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. މަރުވި މީހުންގެ އަދަދު ނަވާރަހާހާ ކައިރިކުރާއިރު އިޓަލީގައި ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު މިހާރު ވަނީ ކޮންމެސް ވަރަކަށް ދަށަށްދާން ފަށާފަ އެވެ. އެހެންނަމަވެސް އަދަދުތައް ދަށަށްދަނީ ކުރިން އުންމީދުކުރި ރޭޓްގައި ނޫންކަމަށް އިޓަލީގެ ސިއްހީ މާހިރުން ބުނެއެވެ.
ކޮންޓީގެ ވާހަކަފުޅުގައި ވަނީ އީޔޫއަށް ދިމާވެފައިވާ އިގްތިޞާދީ ކާރިސާއިން ސަލާމަތްވުމަށް އީޔޫގައި ހިމެނޭ ގައުމުތަކުގެ ފިނޭންސް މިނިސްޓަރުން ބުރާސްފަތި ދުވަހު އެކުލަވާލި ޕްލޭނަށް ފާޑުކިޔުއްވާފަ އެވެ. ކޮންޓީ ވިދާޅުވީ ގައުމުތަކުން އެއްބަސްވި ކަންކަމަކީ އިގްތިޞާދީ ކާރިސާއަކުން އަރައިގަނެވޭނެ ފަދަ ކަންތައްތަކެއް ނޫންކަމަށެވެ.