ރާއްޖެއަށް ގެންނަން ނިންމާފައިވާ ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ހެލްތު މިނިސްޓަރު އަރިހުން އޮޅުން ފިލުވުމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ހުށައަޅުއްވައިފި އެވެ.
ހެލްތް މިނިސްޓަރު ހާޒިރުކުރުމަށް ހުށައަޅުއްވާފައިވަނީ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދެވެ. އެގޮތުން ބުރާސްފަތި ދުވަހު މަޖިލީހުގެ ރައީސަށް އެޑްރެސް ކުރައްވައި ހައިތަމް ފޮނުއްވެވި ސިޓީގައިވަނީ ވެންޓިލޭޓަރުތަކާއި ގުޅޭގޮތުން އޮޅުންފިލުވަން ބޭނުންވެލައްވާ 10 ސުވާލެއް ހިމަނުއްވާފަ އެވެ.
މެމްބަރު ހައިތަމްގެ ފަރާތުން މި ހުށައެޅުން ހުށައަޅުއްވާފައިވާއިރު، ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ވެންޓިލޭޓަރތައް ނިމިގެން މިދިޔަ ހަފުތާ ތެރޭގައި މާލެ އަންނާނެ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން މީގެ ކުރިން ވިދާޅުވެފައި ވެއެވެ. އެގޮތުން ބުރާސްފަތި ދުވަހު (އިއްޔެ) ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނެވޭނެ ކަމަށް އޭރު މިނިސްޓަރ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން މެމްބަރު ހައިތަމްގެ ފަރާތުން ވަނީ ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި، އެ މަސައްކަތް ކުރިއަށްދާ ޕްރޮސެސްގެ އިތުރުން، މިހާތަނަށް ވެންޓިލޭޓަރުތައް ލިބިފައި ނުވަނީ ކީއްވެތޯއާއި، އެކަމުގެ އެންމެ ފަހުގެ ޚަބަރަކީ ކޮބައިކަން ހެލްތް މިނިސްޓަރ އަބްދުﷲ އަމީންގެ އަރިހުން ސާފު ކުރެއްވުމަށް ހުށައަޅުއްވާފަ އެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ޙާލުބޮޑު ބަލިމީހުންނަށް ވެންޓިލޭޓަރުގައި ފަރުވާދޭން ޖެހޭއިރު، މިދިއަ މާރޗު މަހުގެ 30 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވެފައިވަނީ، ރާއްޖޭގެ އެކި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގަ އާއި، މާލޭގެ ހޮސްޕިޓަލްތަކާއި، އަމިއްލަ ހޮސްޕިޓަލުތަކާއެކު ޖުމުލަ މުޅި ރާއްޖޭގައި މިވަގުތު 97 ވެންޓިލޭޓަރު އެބަހުރިކަމަށެވެ.
އޭގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވެސް ވަނީ 70 ވެންޓިލޭޓަރު ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެތަކެތި ހުޅުމާލޭގައި މިހާރު ޤާއިމު ކުރެވޭ ފެސިލިޓީ ނިމެންވާއިރަށް ގެނެވޭނެ ކަމަށް ދާދި ފަހުން މަބްރޫކު ވިދާޅުވެފައިވެ އެވެ.