ކޮވިޑް-19 އާއި ގުޅިގެން އަންނަ ހަފuތާވެސް ސަރުކާރުން ބަންދުކުރަން ނިންމާފައިވާތީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ޚިދުމަތް އަންނަ ހަފުތާގައި ލިބޭނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުކަމަށް އެ ބޭންކުން ބުނެފިއެވެ.
އެކަމާއި ގުޅޭގޮތުން އެސްއެމްއީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިތިން ދުވަހު ހެނދުނު 09:00 އިން މެންދުރު 13:00 އަށް ކަމުގައި ޚިދުމަތް ލިބޭނެކަމަށެވެ. އަދި ކަސްޓަމަރ ސަރވިސްގެ ކައުންޓަރުތަކުން ދެމުންގެންދިޔަ ޚިދުމަތްތައް މެދުކަނޑާލައި، އެ ކައުންޓަރުތަކުން ދެމުންދިޔަ ޚިދުމަތްތައް ދެމުންގެންދާގޮތަށް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން ޚިދުމަތްތައް ދެމުންދާނެ ގޮތްތަކަކީ:
ކޮވިޑް-19 ވިޔަފާރި އެހީއަށް އެދި ހުށަހަޅުއްވާނީ:ކޯޕަރޭޝަންގެ ވެބްސައިޓްގައިވާ ކަސްޓަމަރ ސަރވިސް ޕޯޓަލް މެދުވެރިކޮށް.
އެހެނިހެން ލޯނު އެޕްލިކޭޝަންސް :applications@sdfc.mv
އެހެނިހެން ލިޔެކިއުންތައް :[email protected]
ލޯން ޑިސްބާސްމެންޓާ ގުޅޭގޮތުން:[email protected]
އަދި މި ކޯޕަރޭޝަނާގުޅޭ އެއްވެސް ކަމެއްގައި މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ކޯޕަރޭޝަންގެ ނަންބަރު:3306999 އަށް ގުޅައިގެން ނުވަތަ 7366999 އަށް އެސްއެމްއެސް ކޮށްގެން ކުރިޔަށްގެންދިޔުމަށް އެތަނުން ވަނީ އެދިފަ އެވެ.
މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ޢާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައި ގަތުމަށް އިތުރު ފުރުޞަތުތަކެއް ފަހިކޮށްދިނުމަށްޓަކައި، ސަރުކާރުގެ އިޤުތިޞާދީ ރިކަވަރީ ޕެކޭޖްގެ ދަށުން 'ކޮވިޑް-19 ވިޔަފާރި އެހީ' ގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން އެސްއެމްއީން ވަނީ ލޯނެއް ތަޢާރަފުކޮށްފައެވެ.
މިލޯނަކީ މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ޚަރަދުތައް ހަމަޖައްސައި ދިނުމަށާއި އެވިޔަފާރިތައް ދެމެހެއްޓުމަށް ޢަމާޒުކޮށްގެން، ތަޢާރަފުކޮށްފައިވާ ލޯނެކެވެ.
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ބުނީ މިލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ 6 ޕަސަންޓް އިންޓްރެސްޓް ރޭޓުގައި ގިނަވެގެން 3 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރާ ގޮތަށްކަމަށެވެ. އަދި މިލޯނުގެ ޝަރުޠުތަކުގެ ތެރޭގައި ވިޔަފާރީގެ ވޭތުވެދިޔަ އަހަރުގެ ޢާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ ދަށްވުމާއި، މިޙާލަތާއި ގުޅިގެން އަދި ލޯނު އެހީދޭ މުއްދަތުގެ ތެރޭގައިވެސް އެވިޔަފާރީގެ އެއްވެސް ދިވެހި މުވައްޒަފެއް ވަކިނުކުރުން ހިމެނެއެވެ.