ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކާފިއު އިޢުލާނުކޮށްފައިވާ ގަޑީގައި ބުދަ ދުވަހު ބޭރަށް ނިކުމެ އުޅުނު 215 މީހަކަށް ނަޞޭހަތް ދީފައިވާކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދެއްވަމުން ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އެގަޑީގައި ނަޞޭހަތް ދީފައިވަނީ 177 ދިވެހިންނަށާއި 38 ބިދޭސީންނަށްކަމަށެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން 6 މީހަކަށް ބުދަ ދުވަހު ވަނީ ދެވަނަ ފަހަރަށް ނަޞޭޙަތް ދީފައެވެ. މިހާތަނަށް މިގަޑިތަކުގައި ނުކުތް 2 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. ކާފިއު ވަގުތުގައި ބޭރުތެރޭގައިއުޅޭ މީހުން ޖޫރިމަނާއާ ހަމައަށްދަނީ ދެފަހަރަށް ނަޞޭޙަތްދީ، އަދި އިންޒާރަށް ފަހު ފުލުހުންގެ ރެކޯޑަށް ބެލުމަށްފަހު ކަމަށް ފުލުހުން ބުނެއެވެ.
މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން މުއްދަތެއް ނެތްގޮތަށް ކޮންމެ ދުވަހެއްގެ ހަވީރު 5 ން ރޭގަނޑު 8 ށް ކާފިއު އިޢުލާން ކޮށްފައިވާއިރު ފުލުހުން ބުނެފައިވަނީ އެގަޑީގައި ތަކުރާރުކޮށް ބޭރުގައި އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށެވެ.
މިހާތަނަށް އާއިރު ކާފިއު ގަޑީގައި މީހުންނަށް ނަޞޭޙަތްދީފައިވާ ގޮތަކީ:
2 އޭޕްރީލް ގައި 95 މީހުން
3 އޭޕްރީލް ގައި 151 މީހުން
4 އޭޕްރީލް ގައި 141 މީހުން
5 އޭޕްރީލް ގައި 139 މީހުން
6 އޭޕްރީލް ގައި 183 މީހުން
7 އޭޕްރީލް ގައި 182 މީހުން
8 އޭޕްރީލް ގައި 215 މީހުން