ރާއްޖެއަށް އައި ބިދޭސީ މީހަކު އަނބުރާ ޤައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާއާއި ކްލޯޒް ކޮންޓެކްޓް ވެފައިވާ 33 މީހަކު އައިސޮލޭޓް ކުރެވިފައިވާ ކަން ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ޓާސްކްފޯހުން ބުނެފިއެވެ.
ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އެ ކޭސް އާއި ގުޅިގެން 33 މީހަކު މިހާތަނަށް ފާހަގަ ކުރެވިފައިވާ ކަމަށާއި، އެމީހުން އައިސޮލޭޓް ކުރެވިފައިވާ ކަމަށެވެ. އަދި 21 މީހެއްގެ ސާމްޕަލް ނެގިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
މީގެ ތެރޭގައި ރިސޯޓުގެ ސްޓާފުންނާއި އެމީހާ ގޮވައިގެން އެއަރޕޯޓަށް ދަތުރުކުރި ކްރޫއިންނާއި އެއަރޕޯޓްތަކުގެ ގްރައުންޑް ސްޓާފުންނާއި އަދި ފްލައިޓްގެ ކްރޫއިން ހިމެނޭ ކަމަށެވެ. މީގެ އިތުރުންވެސް ކްލޯޒް ކޮންޓެކްޓްގެ ގޮތުގައި ފެންނަ މީހުން ސާމްޕަލް ނަގައި އައިސޮލޭޓް ކުރުމުންގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން މި ކޭސްއާ ގުޅިގެން އައިސޮލޭޝަންއަށް ގެންދާ މީހުންގެ އަދަދުތައް ކުރިއަށް އޮތް ދުވަސް ތަކުގައި ބަދަލުވެދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މި ކޭސް އާ ގުޅިގެން އަންގާރަ ދުވަހުގެ ރޭ ވަނީ ޖޯލި މޯލްޑިވްސް އަދި ރާ ބޮޑުފުށި މޮނިޓަރިންގެ ޙާލަތައް ގެންގޮސްފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގ ނިމެންދެން އެ ދެ ރަށް އޮންނާނީ މޮނިޓަރިންގެ ޙާލަތުގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެެވެ.
ޖޯލި މޯލްޑިވްސް އަކީ ރ. އަތޮޅު މުރަވަންދޫގައި ހިންގަމުން އަންނަ ރިސޯޓެކެވެ. އަދި ރ. ބޮޑުފުއްޓަކީ ވެސް އެ އަތޮޅުގައި ރިސޯޓް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެކެވެ.
މި ދެ ރިސޯޓުގައި ބިދޭސީ މީހަކު ދުވަސްތަކެއް ހޭދަކުރުމަށްފަހު ޤައުމަށް އަނބުރާ ދިއުމަށްފަހު ޕޮޒިޓިވްވެފައިވަނީ ކޮން ޤައުމެއްގެ މީހެއް ކަމެއް އެޗްޕީއޭއިން ހަމަކޮށްފައި ނުވެއެވެ.