މިހާރު އިތުރަށް ތަރައްގީކޮށް ހުޅުވުމަށް ތައްޔާރުވެފައިވާ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީން ތިބޭނަމަ، އެ ގޮޅިތައް އަތުލާނެ ކަަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ އޮންލައިން ޖަލްސާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝީފާ މުހައްމަދު ވިދާޅުވީ މިހާރު މާރުކޭޓު ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ ހަރުދަނާ އުސޫލެއްގެ ދަށުން ކަމަށާއި ދަތުރުވެރިންގެ މާރުކޭޓުގައި ބިދޭސީން ތިބޭނަމަ ގޮޅި އަތުލާނެ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން މާލޭ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ދޫކުރަން ފަށާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ ކެޓަގަރީތަކުން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކާ، ކޮންމެ ކެޓަގަރީއަކަށް ހަމަޖެއްސި ގޮޅީގެ އަދަދު މިމަހުގެ 15 ވަނަ ދުވަހު ގެޒެޓްކޮށްފައިވާނެ ކަމަށެވެ. އަދި ގެޒެޓް ކުރި ލިސްޓްގައި ވާގޮތުން މާރުކޭޓް ވިޔަފާރި ހިންގިކަން ސާބިތުކޮށްދީ ހުށަހެޅި ފަރާތްތަކަށް ކަނޑައެޅިފައިވަނީ 40 ގޮޅިއެވެ. މި ކެޓަގަރީން 50.5 އަށްވުރެ މަތިން ޕޮއިންޓް ލިބުނު 7 ފަރާތްކަށް ވަނީ ގޮޅި ލިބިފައެވެ. ބާކީ އޮތް 33 ގޮޅި ގުރުއަތުލަނީ 40 ޕޮއިންޓަށްވުރެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ މެދުގައެވެ.
ކުރިން ގޮޅި ލިބި ގަވައިދުން ގޮޅި ހިންގާފަރާތްތަކަށް ކަނޑައެޅިފައިވަނީ 30 ގޮޅިއެވެ. މި ކެޓަގަރީން 45 އަށްވުރެ މަތިން ޕޮއިންޓް ލިބުނު 7 ފަރާތްކަށް ވަނީ ގޮޅި ލިބިފައެވެ. ބާކީ އޮތް 26 ގޮޅި ގުރުއަތުލަނީ 40 ޕޮއިންޓަށްވުރެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ މެދުގައެވެ. ގޮޅި ހިންގުމަށް ހުށަހެޅި އަންހެނުންގެ ކެޓަގަރީއަށް ކަނޑައެޅިފައިވަނީ 20 ގޮޅިއެވެ. މި ކެޓަގަރީން ގުރުއަތަށް ހޮވިފައިވަނީ 46 ޕޮއިންޓް ލިބުނު ފަރާތްތަކެވެ.
އަލަށް ވިޔަފާރި ހިންގުމުގެ ކެޓަގަރީއަށް ކަނޑައެޅިފައިވަނީ 75 ގޮޅިއެވެ. މި ކެޓަގަރީން 41.5 އަށްވުރެ މަތިން ޕޮއިންޓް ލިބުނު 20 ފަރާތްކަށް ވަނީ ގޮޅި ލިބިފައެވެ. ބާކީ އޮތް 55 ގޮޅި ގުރުއަތުލަނީ 41 ޕޮއިންޓާއި 40.5 ޕޮއިންޓާ ދެމެދުން މާކްސް ލިބުނު ފަރާތްތަކުގެ މެދުގައެވެ. ދަތުރުވެރިންގެ މާރުކޭޓް އަލުން މަރާތުކޮށް ދޫކުރުމަށް ހަމަޖެހިފައިވަނީ 165 ގޮޅިއެވެ. މާލޭ ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމަށް ހުޅުވާލުމުން 2626 ފަރާތަކުން ވަނީ ފޯމު ހުށަހެޅިއެވެ.