ޖޯލި މޯލްޑިވްސް އަދި ބޮޑު ފުށި ރިސޯޓުގައި އުޅުމަށްފަހު ޤައުމަށް އަނބުރާ ދިޔަފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ، ޕޮޒިޓިވްވެފައިވަނީ މި މަހުގެ 6 ވަނަ ދުވަހު ކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ހާމަކޮށްފިއެވެ.
އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ޖޯލި މޯލްޑިވްސް އަދި ބޮޑު ފުށްޓަކީ އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގަމުން އަންނަ ދެ ރިސޯޓުކަމަށާއި، އެމީހާ ދެ ރިސޯޓަށް ގޮސްފައިވަނީ އެހެންކަމުން ކަމަށެވެ.
މަބްރޫކް ވިދާޅުވީ އެމީހާއަކީ އެ ދެ ރިސޯޓުގައި މަސައްކަތް ކުރަން އުޅުނު މީހެއް ކަމަށާއި، އޭނާ ރާއްޖެއިން ފުރައިގެން ދިޔައީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކަމަށެވެ.
އެމީހައަކީ މިތާގައި މަސައްކަތް ކުރަން އުޅުނު މީހެއް. އެއީ އެއް މެނޭޖްމަންޓެއްގައި އޮންނަ ދެތަން. އަދި މި ދެ ތަނުގެ މަސައްކަތް ކުރަން އުޅުނު މީހެއް. އެމީހާ ރާއްޖޭގައި އުޅެފައިވަނީ 13 އޮކްޓޯބަރު 2019 އިން 31 މާޗް 2020 އާ ހަމައަށް. އޭނާ ޕޮޒިޓިވްވިކަން އެނގުނީ 6 ވަނަ ދުވަހު އޭނާގެ ގައުމުގައި ހުއްޓާ. މިކަމާއި ގުޅިގެން ކޮންޓެކް ޓްރޭސިން ހަދަން ދެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި. އަދި މިތަން ކޮންޓެކްޓް ޓްރޭސް ކުރެވި އައިސޮލޭޓް ކުރަންޖެހޭ ފަރާތްތައް އައިސޮލޭޓް ކުރެވޭނެ،ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު
މަބްރޫކް ވިދާޅުވީ މި ދެ ރިސޯޓް އެތައް ގޮތަކަށް ކޮންޓެކްޓް ޓްރޭސިންގް ހަދާނެ ކަމަށެވެ. އަދި އެކަމަށް ބޮޑު ޓީމަކުން އެތަނުގައި ޙަރަކާތްތެރިވަމުންދާ ކަމަށާއި، އެއަރޕޯޓާއި ރަށްތައް ބަލަމުންދާނެ ކަމަށެވެ.
ނަމަވެސް އެމީހާ އަކީ ކޮން ޤައުމެއްގެ މީހެއް ކަމެއް މަބްރޫކް ވިދާޅެއް ނުވެއެވެ. އަދި އެމީހާއަށް ބަލި ޖެހިފައިވަނީ ކޮންތަނަކުން ކަމެއް ވިދާޅުވާން އަދި އުނދަގޫ ކަމަށާއި، އެކަން ދެނެގަތުމަށްފަހު ފަހުން ހާމަ ކުރައްވާނެކަމަށެވެ.
މީގެ އިތުރުން ވެލައްސަރު ރިސޯޓުން ބިދޭސީއެއްގެ ގައިން ބަލީގެ އަލާމަތްތައް ފެނިގެން އެ ރިސޯޓް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ކުރެއްދޫ ރިސޯޓް އޮރެންޖް އެލަރޓް ސްޓޭޓަސްގައި ބާއްވާފައި އޮތީ އެ ރަށަކީ ފުރަތަމަ ކޮވިޑް-19 ބަލި ފެނުނު ފުރަތަމަ ރިސޯޓަށްވެފައި އެ ރިސޯޓުން އެކަކު ގައިން އަނެކަކު ގަޔަށް ބަލި ފެތުރިފައިވާތީ ކަމަށެވެ.