ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އިއުލާނުކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތެރެއިން ރިސޯޓަކަށް 7.71 މިލިއަން އަދި ވިޔަފާރިއަކަށް 1 މިލިއަން ދޭގޮތަށް ހަމަޖައްސައިފިއެވެ.
އެގޮތުން ވޯކިން ކެޕިޓަލް ލޯނު އަދި އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ.
އެގޮތުން މި ލޯނުތައް ދެވޭނީ %6 އިންޓަރެސްޓްގައި، 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއި އެކުއެވެ. މި މުއްދަތުގައި އިންޓަރެސްޓް އަދި ޕްރިންސިޕަލްވެސް އަނބުރާ ދައްކާކަށް ނުޖެހޭނެއެވެ. އަދި ލޯނު އަނބުރާ ދައްކަންޖެހޭނީ 3 އަހަރު ދުވަހުގެ ތެރޭގައެވެ.
މި ލޯނުތަކަށް ކުރިމަތިލުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން 08 އެޕްރީލްގައި ހުޅުވާލާނެއެވެ.
ރިސޯޓް ޕެކޭޖް
ޓޫރިސްޓް ރިސޯޓްތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ. މި ސްކީމުގެ ދަށުން ގިނަވެގެން ދޫކުރުވޭނީ ރިސޯޓަކަށް 7.71 މިލިއަން ރުފިޔާއެވެ. ރިސޯޓުތަކަށް ލޯނު ދޫކުރުމުގައި ދިވެހި އޯނާޝިޕުގެ ނިސްބަތަށާއި، ރިސޯޓުގައި ދިވެހި މުވައްޒަފުން ވަޒީފާގައި ގެންގުޅޭ ނިސްބަތް 45 އިންސައްތަ ނުވަތަ އެ އެއަށްވުރެ މަތިތޯ ބަލައި އިސްކަންދެވޭނެއެވެ. މި ކަންކަން ސަރުކާރުން ބެލުމަށްފަހު ބޭންކް އޮފް މޯލްޑިވްސް އާ ހިއްސާކުރާނެއެވެ.
އަދި ރިސޯޓު ނުވަތަ ވިޔަފާރީގެ ނަން-ޕަރފޯމިންގ އެސެޓްސް ނެތްތޯއާއި، 2019 ވަނަ އަހަރު ވިޔަފާރިއަށް ފައިދާ ވެފައިވޭތޯއާއި، ކުރިއަށް އޮތް 3 އަހަރުގެ ކޭޝްފްލޯ ފޯކާސްޓް ޕޮޒިޓިވް ކޮށްހުރިތޯ ބަލައި އިސްކަންދެވޭނެއެވެ.
މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ފަރާތްތަކަށް މި ލޯނެއް ނުލިބޭނެ ކަމަށް ބުނެފައިވެއެވެ. އަދި މިކަން ސަރުކާރުން ބަލަމުންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
10 މިލިއަނަސްވުރެ އިތުރަށް ލިބިފައިވާ ރިސޯޓް ނޫން އެހެން ވިޔަފާފި ޕެކޭޖް
2019 ވަނަ އަހަރު އާމްދަނީގެ ގޮތުގަތި 10 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ލިބިފައިވާ، ޓޫރިސްޓް ރިސޯޓު ނޫން އެހެނިހެން ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ. މި ސްކީމުގެ ދަށުން ގިނަވެގެން ދޫކުރުވޭނީ ވިޔަފާރިއަކަށް 1 މިލިއަން ރުފިޔާއެވެ.
މި ބައިގެ ދަށުން ލޯނު ދޫކުރުމުގައި، ދިވެހި އޯނާޝިޕުގެ ނިސްބަތަށް ބަލައި އިސްކަންދެވޭނެއެވެ. މިކަން ސަރުކާރުން ބެލުމަށްފަހު ބޭންކް އޮފް މޯލްޑިވްސް އާ ހިއްސާކުރާނެއެވެ. އަދި ވިޔަފާރީގެ ނަން-ޕާފޯމިންގ އެސެޓްސް ނެތްތޯއާއި، 2019 ވަނަ އަހަރު ވިޔަފާރިއަށް ފައިދާ ވެފައިވޭތޯ ބަލައި އިސްކަންދެވޭނެއެވެ. މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ފަރާތްތަކަށް މި ލޯނެއް ނުލިބޭނެއެވެ. މިކަން ސަރުކާރުން ބަލަމުން ގެންދާނެއެވެ.
10 މިލިއަނަށްވުރެ މަދުން ލިބިފައިވާ ރިސޯޓް ނޫން އެހެނިހެން ވިޔަފާރި ޕެކޭޖް
2019 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 10 މިލިއަން ރުފިޔާއަށްވުރެ މަދުން ލިބިފައިވާ، ޓޫރިސްޓް ރިސޯޓު ނޫން އެހެނިހެން ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ. އަދި އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ދޭ ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ.
ލޯނަށް އެދި ހުށަހެޅުމާއި މިކަމާގުޅޭ އެހެނިހެން ތަފްސީލް ބޭންކް އޮފް މޯލްޑިވްސް އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އިން އާންމު ކުރާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި މި ލޯނުތައް ވިޔަފާރިތަކަށް ދޫކުރުމުގައި، ލޯނު ނަގާ ފަރާތުން އެއްވެސް ދިވެހި މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރުމަށް (ވަޒީފާ އަދާ ކުރާ ފަރާތުން ވަޒީފާގެ އެއްބަސްވުމާ ނުވަތަ ވަޒީފާއާބެހޭ ގާނޫނާ ޚިލާފުވާ ހާލަތެއްގައި މެނުވީ) ޝަރުތުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.