ޒަމާނުއްސުރެ ތަރުތީބު ގެއްލިފައިވާ ފަޅުމަތީމަގު، ކޮވިޑް-19 އާއި ގުޅިގެން ސާފުކޮށް އެ މަގުގެ ބައެއް އެއްކޮޅަށް ދުއްވާމަގެއްކަމުގައި ހަމަޖައްސައިފިއެވެ.
މާލެސިޓީ ކައުންސިލުން ބުނީ ކޮވިޑް-19 އާއި ގުޅިގެން ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ކޮށްފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ އެޞަރަޙައްދަކީ ވަކި ތަރުތީބެއްނެތި އަދި ވަކި ހަމައެއްނެތި ނީލަން މުދާ ބަހައްޓައިގެން ބޭނުންކުރަމުންދާ ޞަރަޙައްދެއް ކަމަށެވެ. މިކަމުގެ ސަބަބުން މި ސަރަޙައްދު ހިމެނޭ ފަޅުމަތީ މަގުގެ ތަރުތީބު ގެއްލި މަގުމަތީގައި މުދާ ޖަމާކޮށްފައި ބެހެއްޓުމުގެ ސަބަބުން ދުއްވާ އެއްޗެއްސާއި ހިނގާ މީހުންނަށްވެސް ދަތިތަކާކުރިމަތިވަމުންދާ ކަމަށް ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ ދައުލަތުގެ އެއްވެސް ބިމެއްގައި އަދި އެއްވެސް ޞަރަޙައްދެއްގައި މުދަލެއް ބަހައްޓައި އެތަނެއް ބޭނުންކުރަންވާނީ ހަމަޖެހިފައިވާ އުޞޫލުގެ މަތިން ކަމަށެވެ.
ކައުންސިލުން ބުނީ ފަޅުމަތީ މަގުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ގެނައި ބަދަލުގައި ހިމެނެނީ އެމަގުގެ ބައެއް އެއްކޮޅަށް ދުއްވާގޮތަށް ހަމަޖެއްސުން ކަމަށެވެ. އެއީ ފަޅުމަތީ މަގުގެ ރެހެންދި ހިނގުމުން ފެށިގެން ތަރާނާ ގޯޅިއާ ހަމައަށް ހުޅަނގުން އިރަށް ދުއްވާގޮތަށް ހަމަޖެއްސުމެވެ. އަދި ފަޅުމަތީމަގުގެ ދެން އޮތް ބައިގައި ކުރިންވެސް އޮތް ގޮތަށް ދެކޮޅަށް ދުއްވޭނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.