ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފިޔަވަޅެއްގެ ގޮތުގައި މާލެސިޓީ ލޮކްޑައުންކޮށްފިނަމަ، ގޭގެއަށް ތަކެތި ފޮނުވައިދޭނެ ފިހާރަތަކުގެ މަޢުލޫމާތު މާލޭ ސިޓީ ކައުންސިލުން އެއްކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެފަދަ ޙާލަތަކަށް ހިނގައްޖެނަމަ އެ ޞަރަޙައްދެއްގައި ހިމެނޭ ގޭގެއަށް ބޭނުންވާ ތަކެތި ފޯރުކޮށްދެވޭނެ ފިހާރަތަކުގެ މަޢުލޫމާތު އެއްކޮށްފައިވާ ކަމަށެވެ. ކައުންސިލުން ބުނީ މި މަސައްކަތުގެ ދަށުން މާލޭގެ 334 ފިހާރައަކާއި، ވިލިމާލޭގެ 30 ފިހާރައެއްގެ މަޢުލޫމާތު ސިޓީ ކައުންސިލަށް ހޯދިފައިވާ ކަމަށެވެ. މީގެތެރެއިން މާލޭގެ 269 ފިހާރައަކުން މިފަދަ ޙާލަތެއްގައި މުދާ ފޮނުވޭނެކަމަށް ބުނެފައިވާކަމަށާއި، ވިލިމާލޭގެ 20 ފިހާރައަކުން މިކަމަށް އެއްބަސްވެފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ މާލޭގެ 334 ފިހާރައަކީ 168 ކޮށީގައި ހިމެނޭ ފިހާރަތައް ކަމަށާއި، ވިލިމާލޭގެ 30 ފިހާރައަކީ 20 ކޮށީގައި ހިމެނޭ ފިހާރަތައް ކަމަށެވެ. މާލޭގައި މުދާ ފޮނުވައިދޭނެ ކަމަށް ބުނާ ފިހާރަތަކުގެ ތެރެއިން 202 ފިހާރައަކީ އޮންލައިންކޮށް ފައިސާ ދެއްކޭނެކަމަށް ބުނާ ފިހާރަތައް ކަމަށާއި، ވިލި މާލޭގެ ފިހާރަތަކުގެ ތެރެއިން 17 ފިހާރައަކީ އޮންލައިން ޕޭމެންޓް ހެދޭނެކަމަށް ބުނާ ފިހާރަތައް ކަމަށް ވެސް ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ އެޗްޑީސީގެ ފަރާތުން ހުޅުމާލޭގައިވެސް ސަރވޭކޮށްފައިވާ ކަމަށެވެ. އެގޮތުން 90 ފިހާރައެއްގެ މަޢުލޫމާތު ހޯދާފައިވާ ކަމަށާއި، ހުޅުމާލޭގެ ފިހާރަތަކުގެ ތެރެއިން 63 ފިހާރައަކީ އޮންލައިން ކޮށް ފައިސާ ދެއްކޭނެކަމަށް ބުނާ ފިހާރަތައް ކަމަށް ކައުންސިލުން ބުނެއެވެ. އަދި ސަރވޭކުރި ފިހާރަތަކުގެ ތެރެއިން 73 ފިހާރައަކުން މުދާ ފޮނުވައިދޭނެކަމަށް ބުނެފައިވާ މާލެ ސިޓީ ކައުންސިލުން ބުނެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކާއި ޓިއުޝަން ކްލާސްތައް ހިމެނޭ ގޮތަށް ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވަރސިޓީތައް ވަނީ ބަންދުކޮށްފައެވެ. ކެފޭ، ރެސްޓޯރެންޓުތަކުގައި ތިބެގެން ކެއުން ބުއިމުގެ ޚިދުމަތް ދިނުން މަނާކޮށްފައިވާއިރު، ޖިމްތައް ވަނީ ބަންދުކޮށްފައެވެ. އަދި ޖަމާޢަތުގައި ނަމާދުކުރުން ވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 20:00 މާލެ ސިޓީގައި ދަނީ ކާފިއު ހިންގަމުންނެވެ.