މާލެ ހިމެނޭ ޞަރަޙައްދުގައި ހިންގަން ފަށާފައިވާ ކާފިއުގައި ހޯމަ ދުވަހު އެކަނި ވެސް 150 ދިވެހިން ފުލުހުން ހުއްޓުވި ކަމަށް ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ކޮވިޑް-19ގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
އެގޮތުން އަބަދުވެސް ފުލުހުން މޮނިޓަރ ކުރަމުންދާ ކަމަށާއި، މަގުމަތީގައި އާންމުން އުޅޭއިރު އިޖްތިމާއީ ގައިދުރުކަމަށް އިސްކަން ދިނުމަށްއެދޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ބޭރު ތެރޭގައި އުޅުން ވަކި ވަގުތުތަކެއް މަނާކުރެވިގެން ދިޔަ ނަމަވެސް ހޯމަ ދުވަހު އެކަނި ވެސް 183 މީހުން ހުއްޓުވި ކަމަށެވެ. އޭގެ ތެރޭގައި 150 ދިވެހިންނާއި 33 ބިދޭސީން ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ވަޒީފާގެ މައްސަލަތަކަށް އަލިއަޅުއްވާލައްވާ މަބްރޫކް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ވަޒީފާތައް ގެއްލުމާއި މުސާރަތައް ކުޑަކުރުން ފަދަ މައްސަލަތައް ރަޖިސްޓްރީކުރުމަށް ޖޮބް ސެންޓަރުން ހުޅުވާލާފައިވާ ޕޯޓަލްގައި މިހާތަނަށް އާއިރު 743 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
ރިސޯޓުތަކާއި އެހެން ވެސް ވަޒީފާތަކުން ވަކިކުރެވޭ މީހުން ވަޒީފާތަކުން ވަކިކުރިކަން ސަރުކާރަށް އެންގުމަށްޓަކައި ޤާއިމުކުރި ޖޮބް ސެންޓަރ ރަޖިސްޓްރީ ކުރަމުންދާ މިންވަރު އިތުރުކަމަށް މަބްރޫކް ވަނީ މީގެކުރިން ވިދާޅުވެފައެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާގުޅިގެން ރައްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ހުއްޓުމަކަށް އައިސްފައިވާއިރު އިޤުތިޞާދީ ޙަރަކާތްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއަށް އިޤުތިޞާދީ ކާރިޘާއެއް ކުރިމަތިވަމުން އަންނައިރު ރާއްޖެއާއި ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ވަޒީފާތައް ދަނީ ގެއްލެމުންނެވެ.