ކ. މާލެ
|
6 އޭޕްރިލް 2020 | ހޯމަ 19:30
މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް މޫސާ ވަސީމް
މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް މޫސާ ވަސީމް
ރައީސް އޮފީސް
ކޮވިޑް-19
ޚަރަދު ކުޑަކުރަން ޖެހިއްޖެ ނަމަ ބޯޑު މެންބަރުންގެ މުސާރަ ކުޑަކުރާނަން: މޯލްޑިވިއަން
ކޮވިޑް-19 އާއި ގުޅިގެން ހުރިހާ ވިޔަފާރިތަކަށްވެސް އަސަރު ކުރަމުންދޭ
އެފަރާތްތަކުގެ މުސާރައިން 20 އިންސައްތަ ކުޑަކުރުމަށް ނިންމާފައިވޭ
މިހާރުވެސް ގިނަ މުވައްޒަފުން ގޭގައިވެސް މަސައްކަތް ކުރަމުންދޭ

ކޮވިޑް-19 އާއި ގުޅިގެން އެއަރލައިން އިންޑަސްޓްރީތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޚަރަދު ކުޑަކުރަން ޖެހިއްޖެނަމަ ކުންފުނީގެ ބޯޑު މެންބަރުންގެ މުސާރަ ކުޑަކުރުމަށް ނިންމާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ހޯމަ ދުވަހު ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް މޫސާ ވަސީމް ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ހުރިހާ ވިޔަފާރިތަކަށްވެސް އަސަރު ކުރަމުންދާއިރު، މޯލްޑިވިއަންއަށްވެސް ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.

އެގޮތުން ޚަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީއާއި ގުޅިގެން މަސައްކަތްތަކެއް ކުރައްވާނެކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ، އެއްވެސް ޙާލަތެއްގައި މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ނުވިސްނާ ކަމަށެވެ. އަދި ޚަރަދު ކުޑަކުރަން ޖެހިއްޖެ ޙާލަތެއްގައިވެސް މިހާރު ނިންމާފައިވަނީ މޯލްޑިވިއަންގެ ބޯޑު މެމްބަރުންނާއި، މަތީ ލެވެލްގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައިން 20 އިންސައްތަ ކުޑަކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ފުރަތަމަ ކަމެއްގެ ގޮތުގައި ވޮލަންޓަރިލީ އަޅުގަނޑުމެންގެ ބޯޑު މެމްބަރުންނާއި، އަދި ޓޮޕް މެނޭޖްމަންޓްގައި ތިއްބަވާ ބޭފުޅުންގެ މުސާރައިގެ 20 އިންސައްތަ ކުޑަކުރަން ނިންމާފައި އޮންނާނީ ، އެއާއެކު ދެން ޚަރަދު ކުޑަކުރެވެން ހުރި ދިމާތަކަށް ޚަރަދު ކުޑަކުރަމުން މިދަނީ،
މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް މޫސާ ވަސީމް

މޫސަ ވިދާޅުވީ، މިހާރުވެސް ގިނަ މުވައްޒަފުން ގޭގައިވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، ހަފްތާއަކު 3 ދުވަހު ނުކުންނަންޖެހޭ މުވައްޒަފުންވެސް ތިބޭނެ ކަމަށެވެ. އަދި އަމިއްލައަށް މިވަގުތު ޗުއްޓީ ނަގަން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުޞަތުވެސް ހުޅުވާލެއްވިކަމަށް މޫސަ ވިދާޅުވިއެވެ.

- ކޮމެންޓް