ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ދައްތާފުޅުގެ މޫނު ބަލަން އައުމަށް އެމަަނިކުފާނު ދެކޮޅު ހައްދަވައިފިއެވެ.
ޔާމީނާ އެއްބަފާ ދައްތާފުޅު މޫމިނާ ޢަބްދުލްޤައްޔޫމް އަވަހާވީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. މިއަދުގެ އަޞްރު ނަމާދަށްފަހު އެކަމަނާ ވަނީ ފަސްދާނުލެވިފައެވެ.
ޖަލުގައި ހުންނެވި ނަމަވެސް ދައްތާފުޅުގެ މޫނު ބެލުމާއި، ކަށު ނަމާދުގައި ބައިވެރިވެވަޑައިގަތުމަށް ޢައިލާއިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރިއެވެ. އަދި ކަރެކްޝަންސް އިން ޔާމީން ގެނައުމަށް ސެކިއުރިޓީއާއެކު ލޯންޗް ވެސް ހަމަޖެއްސިއެވެ. ނަމަވެސް ދެކޮޅު ހައްދަވާ ދައްތާފުޅުގެ ކަށުކަމާކެމީގައި އެމަނިކުފާނު ބައިވެރިވެވަޑައިނުގަންނަވާކަން ރާއްޖެއެމްވީއަށް ވަނީ ކަށަވަރުވެފައެވެ.
މިމައްސަލައާ ގުޅިގެން ކަރެކްޝަންސް އިން ބުނީ މިފަދަ މަޢުލޫމާތު ޙިއްސާ ނުކުރާ ކަމަށެވެ. ނަމަވެސް މިކަން ކަރެކްޝަންސްއިން ދޮގެއް ނުކުރެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު ތަފުޞީލު ހޯދުމަށް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޖަމީލަށް ގުޅާލުމުން ވިދާޅުވީ، "ތިކަމާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ. ތިކަމާ ކޮމެންޓް ކުރެވޭކަށް ނެތް"ކަމަށެވެ.
މޫމިނާ ޢަބްދުލްޤައްޔޫމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅެވެ. ދިވެހި ބަހާއި އަދަބިއްޔާތަށާއި، ދިވެހި ދައުލަތަށް އަދި ގަލޮޅު އަވަށަށް ވެސް ގިނަ ޚިދުމަތްތައް ކޮށް ދެއްވި ކަނބަލެކެވެ. އެގޮތުން ދިވެހި ބަަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަޤާމާއި، ގަލޮޅު އަވަށުވެރިޔާގެ އެހީތެރިޔާގެ މަޤާމު މޫމިނާ ފުރުއްވެވިއެވެ.
މޫމިނާގެ މައްޗަށް ކަށު ނަމާދު ކުރީ ހޯމަ ދުވަހުގެ އަޞްރު ނަމާދަށް ފަހު މާލޭގެ އާ ސަހަރާގައެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 80 އަހަރެވެ.