Advertisement
ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 19:35
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެ އެމްވީ
ޕާޓީތަކުގެ މަޝްވަރާތައް
ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި
މަޝްވަރާތަކުގެ ދޮރު ވަނީ ހުޅުވިފައި، ދައުވަތު ދެވިފައި
ސަރުކާރުން ގޯސްކޮށް ކަމެއް ކުރާ ކަމަށް ސަރުކާރުން ގަބޫލުނުކުރަން
ފަހަތުން ދުވެ، މަޝްވަރާކުރާ ފަދަ ހާލަތެއް ނެތް

މަޝްވަރާކޮށްގެން ގައުމުގައި ހުރި ޚިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމަށް ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ ކަމަށް ބުނެ، "ކެރެންޏާ" ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް އައުމަށް ސަރުކާރުން ގޮވާލައިފި އެވެ.

 

ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ރައީސް ޔާމީން ހުޅުވާލައްވާފައި އޮތް ފުރުސަތުގެ ތެރެއިން "ކެރެންޏާ" މަޝްވަރާއަށް އައިސް ބައެއް ކަންކަމަށް ހައްލު ހޯދަންވީ ކަމަށެވެ.

 

ޝައިނީ ވިދާޅުވީ ސަރުކާރުން އެފަދަ ފުރުސަތެއް ފަހިކޮށްދީފައިނުވާ ކަމަށް ދޭހަވާ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާތީ، ޕާޓީތަކުގެ މަޝްވަރާގެ ދޮރު މިހާރު ވެސް ހުޅުވިފައިވާކަމާއި ދައުވަތު ފޮނުވާފައިވާކަން ހަނދާންކޮށްދޭން ސަރުކާރަށް މަޖުބޫރުވާ ކަމަށެވެ.

 

ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކާ ވާހަކަ ދެއްކުމަށް ސަރުކާރުން ޖެހިލުންނުވާ ކަމަށާއި ސަރުކާރުން ހުރިހާ ކަމެއް ކުރަނީ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީ އާއި އިޖުތިމާއީ ދުޅަހެޔޮކަމަށް ހުރަސް އެޅޭނެ ފަދަ ގޮތަކަށް ނުގޮސް މަޝްވަރާގެ ތެރެއިން ޚިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމަށް ޝައިނީ ގޮވާލެއްވި އެވެ.

 

ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ސަރުކާރުން ގޮވާލިއިރު، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭރުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޝައިނީ ވަނީ ސިޔާސީ ޕާޓީތަކާ ސަރުކާރާ ދެމެދު މަޝްވަރާތައް ބާއްވަންޖެހޭ ފަދަ ހާލަތެއް މިހާރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

 

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އެންމެ އިސްކޮށް އުޅުއްވާ ޝައިނީ އޭރު ވިދާޅުވެފައިވަނީ، ރާއްޖެ އޮތީ އާންމު ހާލަތެއްގައި ކަމަށާއި ވާހަކަ ދައްކައިގެން ކަމެއް ހައްލުކުރަންޖެހޭ ފަދަ ހާލަތެއް އޮތް ނަމަ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ހަމައަށް އެކަމަކާ އެކު އަންނާނެ ކަމަށެވެ.

 

އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ޝައިނީ ވިދާޅުވީ އެ ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވާނީ ސަރުކާރުން އަމިއްލަ އަށް ގޮސް އިދިކޮޅު ފަރާތްތަކުގެ ފަހަތުން ދުވެ، މަޝްވަރާއަކަށް އިށީންނަން ޖެހޭ ހާލަތެއް އޮތް ކަމަށް ސަރުކާރުން ގަބޫލުނުކުރާ ކަމަށެވެ.

 

ޝައިނީ ވިދާޅުވީ ސަރުކާރުން ގޯސްކޮށް ކަމެއް ކުރާ ކަމަށް ސަރުކާރުން ގަބޫލުނުކުރާ ކަމަށާއި، ސަރުކާރުން ގޯސްކޮށް ކަމެއް ކުރާ ކަމަށް އިދިކޮޅު ފަރާތްތަކަށް ފެންނަ ނަމަ މަޝްވަރާއަށް އަންނަންވީ ކަމަށެވެ.

 

މީގެ އިތުރުން ޝައިނީ ވިދާޅުވީ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވަނީ ޕާޓީތައް ތަމްސީލުކުރާ މަންދޫބުންނާ ދޭތެރޭ އެއްވެސް ކަހަލަ ޚިޔާލުތަފާތުވުމެއް އޮވެގެން ނޫން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ އެކިއެކި ސަބަބުތަކާ ހުރެ ބަންދުކޮށްފައި ތިބި ބޭފުޅުންތައް ދޫކޮށްލުމަށް ކަމަށް ޝައިނީ ވިދާޅުވި އެވެ.

 

ޝައިނީ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް އަންނަ ފަރާތަކީ އެ ޕާޓީއެއް ތަމްސީލުކުރުމުގެ ބާރު އޮތް ފަރާތެއްކަން ސަރުކާރަށް ޔަގީންކޮށްދޭންޖެހޭ ކަމަށެވެ. ޝައިނީ ވިދާޅުޥި ކަރުދާސްކޮޅެއްގައި "ތިމަންނާ މިއީ ޕީޕީއެމް ރައީސޭ ވިދާޅުވެފައި އޮތަސް، އެބޭފުޅުންނަކީ ހައިސިއްޔަތު ނެތް ބޭފުޅުންނަށް ވެދާނެ" ކަމަށެވެ.

 

އެންމެ ފަހުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ހުރަސް އެޅުނީ ބައިވެރިވާނެ މަންދޫބުން އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރަން ރައީސް އޮފީހުން އެދުމުންނެވެ. ޚާއްސަކޮށް ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަން އުފެދި، ދެ ފެކްޝަނުން މަޝްވަރާތަކަށް މަންދޫބުން ކަނޑައެޅުމުން މައްސަލަ ބޮޑުވެ، މަޝްވަރާތައް ހުއްޓުނެވެ.

 

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ބާރުއެޅުމުގެ ގޮތުން އދ. އިން ރާއްޖެއަށް މަންދޫބަކު ވެސް ފޮނުވި އެވެ. ނަމަވެސް މަޝްވަރާތައް ކުރިއަށް ނުދިއުމުން މަންދޫބު ވަނީ ރާއްޖެއިން ވަޑައިގަންނަވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
31 މާރޗް 2017 | ހުކުރު 01:02
ރަންރީދުލޭ
ކަލޭމެންދެން އަހަރެމެންނާއި މޝްވަރާކުރަން ބޭނުމިއްޔާ ކަލޭމެންޖެހޭނީ ކެރެންޔާ އަހަރެމެންގެ ރައީސް ނަޝީދު ހުންނެވިތާކަށް ފޮށިތަންމަތި ބަދެގެން އަންނަން މަމެެންމިއުޅެނީ ތިވެރިކަން ނިމުމަކަށްގެންނަނ ކަލޭމެންގަދަވާން އުޅެގެން ކަރަށްފިތުނީމަ ދެން ޑޭޓްއަކަށްދާން ގޮވާނެކަމެއްނެތް..