ކޮވިޑް-19 އާއި ގުޅިގެން ވަޒީފާތައް ގެއްލުމާއި މުސާރަތައް ކުޑަކުރުން ފަދަ މައްސަލަތައް ރަޖިސްޓްރީކުރުމަށް ޖޮބް ސެންޓަރުން ހުޅުވާލާފައިވާ ޕޯޓަލްގައި މިހާތަނަށް އާއިރު 723 މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ މީގެތެރެއިން 58 މީހުންނަކީ އަމިއްލަ މަސައްކަތްކުރާ މީހުންކަމަށެވެ. ދެން މީގެތެރޭގައި ހިމެނެނީ ވަޒީފާއިން ކަނޑާލާފައިވާ 185 މީހުންނާއި މުސާރަކުޑަކޮށްފައިވާ 113 މީހުންނާއި ނޯޕޭއަށް ދިޔުމަށް އަންގާފައިވާ 245 މީހުންނާއި ބައި މުސާރައަށް މުސާރަ ކުޑަކޮށްފައިވާ 72 މީހުންނާއި ސަސްޕެންޑް ކޮށްފައިވާ 64 މީހުންނާއި ބޭސިކް މުސާރައަށް އަށް މުސާރަ ކުޑަކޮށްފައިވާ 44 މީހުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ރިސޯޓުތަކާއި އެހެން ވެސް ވަޒީފާތަކުން ވަކިކުރެވޭ މީހުން ވަޒީފާތަކުން ވަކިކުރިކަން ސަރުކާރަށް އެންގުމަށްޓަކައި ޤާއިމުކުރި ޖޮބް ސެންޓަރ ރަޖިސްޓްރީ ކުރަމުންދާ މިންވަރު އިތުރުކަމަށް މަބްރޫކް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާގުޅިގެން ރައްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ހުއްޓުމަކަށް އައިސްފައިވާއިރު އިޤުތިޞާދީ ޙަރަކާތްތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއަށް އިގްތިޞާދީ ކާރިސާއެއް ކުރިމަތިވަމުން އަންނައިރު ރާއްޖެއާއި ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ވަޒީފާތައް ދަނީ ގެއްލެމުންނެވެ.
އެގޮތުން ރާއްޖޭގެ އެކި ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 11،000 އެއްހާ މުވައްޒަފުން މުސާރަ ނުލިބޭގޮތަށް ފޮނުވާލާފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ބުނެފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމާއި، އެހެނިހެން އިޤުތިޞާދީ މަސައްކަތްތަކަށް ހީނަރުކަމެއް އައިސްފައިވާއިރު، ވަޒީފާތައް ދެމެހެއްޓުމުގެ މަޤުޞަދުގައި ވިޔަފާރިތަކައް ކޭޝް-ފްލޯވ ފައިނޭންސިންގ ސްކީމްތައް ފަހިކޮށްދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައިގެން ދަނީ އަޅަމުންނެވެ.