ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 12:56
މާލޭގެ ވިޔަފާރި ބަނދަރު
މާލޭގެ ވިޔަފާރި ބަނދަރު
ޔޫސުފް ސޮފްވާން ރަޝީދު
ބޯޓެއްގައި އަލިފާން ރޯވުން
ބިހާއި ފިޔާ ހިފައިގެން ރާއްޖެއަށް ދަތުރުކުރަމުންދިޔަ ބޯޓުގެ އިންޖީނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާން ހިފީ އިންޖީނުގައި
އަލިފާންގަނޑު ނިއްވާލުމަށްފަހު، އިންޖީނު ހަދައިގެން މިހާރު ރާއްޖެއަށް ދަތުރުކުރަމުންދަނީ
މިއަދު 15:00 ހައިރު މާލެ ބަނދަރަށް ވަދެވޭނެ ކަމަށް ލަފާކުރެވޭ

ބިހާއި ފިޔާ ހިފައިގެން އިންޑިއާއިން ރާއްޖެއަށް ދަތުރުކުރަމުންދާ މުދާ އުފުލާ ބޯޓުގެ އިންޖީނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ، އިންޑިއާއިން މުދާ ހިފައިގެން ރާއްޖެއަށް ދަތުރުކުރަމުންދާ ބޯޓު "އެމްވީ ވީބީ ޕްރޮގްރެސް" ގެ އިންޖީނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމަށް ހުކުރު ދުވަހުގެ ރޭގެ 00:30 ހާއިރު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، އޭރު އެބޯޓު ދަތުރުކުރަމުންދަނީ ރާއްޖޭގެ ބޭރު ކަނޑުން ކަމަށެވެ. އަދި އެބޯޓުގައި ތިބީ އިންޑިއާގެ 11 ފަޅުވެރިން ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ފަހުން މައުލޫމާތު ދެމުން ބުނީ، ބޯޓުގެ އިންޖީނުގައި ހިފި އަލިފާންގަނޑު ނިއްވާލުމަށްފަހު، އިންޖީނު ހަދައިގެން އެބޯޓު މިހާރު ރާއްޖެއަށް ދަތުރުކުރަމުން އަންނަ ކަމަށެވެ. އަދި ބޯޓުގެ އިންޖީނު ހެދީވެސް އެބޯޓުގެ ފަޅުވެރިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، މި ބޯޓު ހޮނިހިރު ދުވަހުގެ ހަވީރު 3:00 އަށް މާލެ ބަނދަރަށް ވަދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބޯޓުގައި ހިނގި އަލިފާނުގެ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

- ކޮމެންޓް