މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި ޕޯޓްސްމަތުގެ ފަސް ކުޅުންތެރިންވެސް ރަނގަޅުވެއްޖެ އެވެ.
އިނގިރޭސި ތިންވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ޕޯޓްސްމަތުގެ ފަސް ކުޅުންތެރިއަކު މި ވައިރަހަށް ޕޮޒިޓިވްވީ މާޗު މަހު އެވެ. އެ ކުޅުންތެރިންނަކީ ޕޯޓްސްމަތުގެ ޖޭމްސް ބޮލްޓޮން، އެންޑީ ކެނަން، ސީން ރެގެޓް، ހާޖީ މްނޯގާ އަދި ރޮސް މެކްރޫރީ އެވެ. މި ފަސް ކުޅުންތެރިންވެސް މިހާރު އެއްކޮށް ރަނގަޅުވެފައިވާ ކަމަށް ޕޯޓްސްމަތުން ވަނީ ހާމަކޮށްފައެވެ.
ޕޯޓސްމަތުގެ ފަސް ކުޅުންތެރިއަކު ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓްވިވީ މާޗު މަހުގެ ތިންވަނަ ދުވަހު އަމިއްލަ ދަނޑުގައި އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި އާސެނަލާ ބައްދަލުކުރި މެޗަށްފަހު އެވެ. އެ މެޗަށްފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
އިންގްލެންޑުން ދެން ކޮވިޑް -19 އަށް ޕޮޒިޓިވްވެފައިވަނީ އެސްޓަން ވިލާގެ ގޯލްކީޕަރު ޕެޕޭ ރެއިނާ އާއި ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި އެވެ. މީގެ ތެރެއިން ކަލުމް ހަޑްސަން-އޮޑޯއި ވަނީ ވައިރަހުން ރަނގަޅުވެފައެވެ.
ކޮވިޑް-19 ގެ ސަބަބުން އިންގްލެންޑުގައި ކުރިއަށްދާ ހުރިހާ ފުޓްބޯޅަ މުބާރާތްތައް އޭޕްރީލް 30 ގެ ނިޔަލަށް މެދުކަނޑާލާފައިވާއިރު، އިނގިރޭސިވިލާތުގެ 38،000 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ މިވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި މި ވައިރަސް ޖެހިގެން އިނގިރޭސިވިލާތުން 4،400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.