ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހާލު ބޮޑުވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް 300 އެނދާއެކު ވެންޓިލޭޓަރުގެ ހިދުމަތް ދެވޭ ގޮތަށް ކޮވިޑް ވިލެޖެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ޓާސްކް ފޯހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ 24 ގަޑި އިރު ދުވާލާއި ރޭގަނޑު 300 އެނދުގެ ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފެސިލިޓީ ނިމޭނެ ކަމަށް ލަފާ ކުރެވެނީ 15 އެޕްރީލްގައި ކަމަށާއި އެތަނުގައި 300 އެނދު ހުންނާނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ މިތަނަކީ ހާއްސަ އެހީއަށް ބޭނުންވާ ބަލިމީހުން ބެލޭނެ ތަނެއް ކަމަށާއި، ގިނަ އަދަދެއްގެ ވެންޓިލޭޓަރު އެނދުވެސް އެތަނުގައި އޮޕަރޭޓް ކުރަމުންދާނެ ކަމަށެވެ.
ފަރުކޮޅު ފުށީގެ މަސައްކަތްތަކާއި ކޮވިޑް ވިލެޖްގެ މަސައްކަތްތައް ލީޑް ކުރަނީ އެމްއެންޑީއެފްގެ ޓީމުންނެވެ. އަދި އެމްއެންޑީއެފަށް އެހީތެރިވެދިނުމުގެ ގޮތުން އެޗްޑީސީ، މަސީ، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، ފެނަކަ، އަމިން ކޮންސްޓްރަކްޝަން، އެސްޓީއޯ އަދި ޕްލޭނިންގ މިނިސްޓްރީން ވެސް މަސައްކަތް ކުރަމުންދާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އަލުން ހުޅުވާ އިރު އަދި ކޮވިޑް ވިލެޖްގައި ވެންޓިލޭޓަރުގެ ހިދުމަތްދެވޭ ގޮތަށް ހުންނާނެ ކަމަށާއި، މިހާތަނަށް ރައްޖޭގެ އެކި ކަންކޮޅުތަކުގައި 97 ވެންޓިލޭޓަރު އެބަހުރި ކަމަށެވެ. އަދި މީގެ އިތުރުން 65 ވެންޓިލޭޓަރެއް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި ގެނެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.