އިންސާފު ލިބުން ލަސްވުމަކީ އަމުދުން އިންސާފު ނުލިބުން ކަމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގެ ގާނޫނީ ބޭބޭފުޅުން ދެކެ އުޅެ އެވެ. އިނގިރޭސީ ބަހުން ނަމަ، "Justice delayed is justice denied" އެވެ. އެކަށީގެންވާ ފަދަ އަވަސް މުއްދަތެއްގެ ތެރޭގައި ޝަރީއަތް ކުރިއަށް ގެންގޮސް އިންސާފު ލިބިދިނުމަށް ބާރު އެޅުމުގެ ގޮތުން މި އަސާސް ބޭނުން ކުރަމުންދެ އެވެ.
މި އަސާސް ނެގެހެއްޓުމަށް ގޮވާލާ ފަރާތްތަކުން އެންމެ ބޮޑަށް ބުރަވަނީ، އެމެރިކާގެ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ކުރިން ހުންނެވި ވޮރެން އީ. ބާގާ 1970 ވަނަ އަހަރު ދެއްކެވި ވާހަކައަށެވެ. ވޮރެން ވިދާޅުވެފައި ވަނީ ކޯޓުތަކާ މެދު ރައްޔިތުންގެ އިތުބާރު ދެމިއޮތުމަކީ މިނިވަން ރައްޔިތެއްގެ ތެރޭގައި ހަމަޖެހުން އޮތުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށެވެ. އަދި ތިން ކަމެއްގެ ސަބަބުން އެ އިތުބާރު ގެއްލި، މުޖުތަމައުއަށް އަގުނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
އެ ތިން ކަމަކީ:
- ޝަރީއަތް ދިގު ދެމިގެން ދިއުމުގެ ސަބަބުން، އިންސާފުވެރި ހުކުމެއްގައި ވެސް އެއްވެސް ބާރެއް ނެތް ކަމަށް ރައްޔިތުން ގަބޫލުކުރުން
- ކޯޓްތައް މެދުވެރިކޮށް މަކަރާއި ހީލަތް ހަދާ މީހުންގެ ފަރާތުން ހިމާޔަތް ލިބޭނެ ކަމަށް އަނިޔާ ލިބިފައިވާ ރައްޔިތުންނަށް ގަބޫލުނުކުރެވުން
- ގޭތެރެ އާއި މަސައްކަތުގެ މާހައުލާއި އަދި މަގުމަތިން ވެސް ގާނޫނީ ހިމާޔަތާއި ރައްކާތެރިކަން ނުލިބޭ ކަމަށް ރައްޔިތުންނަށް ގަބޫލުކުރެވުން
ރާއްޖޭގެ ގާނޫނު އާސާސީ އާއި ގާނޫނުތައް ބައްޓަން ކުރެވިފައި ވަނީ ވެސް އެ އަސާސްތައް ދެމެހެއްޓޭނެ ގޮތަކަށެވެ. އަނިޔާ ލިބޭ މީހާއަށް ގާނޫނީ ރައްކާތެރިކަމާއި ހިމާޔަތާއި އިންސާފު ލިބޭނެ ގޮތަކަށެވެ. އަނިޔާ ލިބޭ މީހާ އާއި އަނިޔާދޭ ފަރާތުގެ ހައްގުތައް ވެސް ކަށަވަރުކޮށްދީގެން ހިންގާ މިނިވަން އިންސާފުވެރި ޝަރީއަތަކުން އަދާލަތު ގާއިމްކޮށްދިނުމަށް ގާނޫނުތައް ހެދިފައި އެބަހުއްޓެވެ.
ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ކޮންމެ މީހެއްގެމެ މަދަނީ ހައްގުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ގާނޫނަކުން ގާއިމްކޮށްފައިވާ މިނިވަން އަދި މުސްތަގިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި "އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި"، އާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ.
ކުށެއް ކުރިކަމުގެ ދައުވާ އުފުލާފައިވާ މީހުންނަށް ލިބިގެންވާ ހައްގުތައް ބަޔާންކޮށްދިފައި ވަނީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގަ އެވެ. އެގޮތުން އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ "އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި" އެ މީހަކާ މެދު ޝަރީއަތްކޮށް ނިންމުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
ގާނޫނު އަސާސީގެ 54 ވަނަ މާއްދާގައި ބުނެފައި ވަނީ އެއްވެސް މީހަކަށްމެ ރަހުމުކުޑަ، ލާއިންސާނީ، އިހާނެތިކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އަދި އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއް އެއްވެސް މީހަކަށް ދީގެން ނުވާނެ ކަމަށާއި އެއްވެސް މީހަކަށް އަނިޔާކޮށްގެން ނުވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.
މިއީ ދިވެހިރާއްޖޭގެ ގާނޫނު ހިނގަން ލާޒިމް ކޮށްފައިވާ މަގެވެ. އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިންސާފު ގާއިމްކޮށްދިނުމަކީ ކޯޓްތަކުގެ މައްޗަށް ގާނޫނު އަސާސީ ލާޒިމް ކުރާ ކަމެކެވެ. ބޭނުމަކީ އަނިޔާ ލިބޭ ފަރާތާއި، އަނިޔާ ދިން ކަމުގެ ތުހުމަތު ކުރެވޭ ފަރާތުގެ ހައްގުތައް ކަށަވަރުކޮށް، މުޖުތަމައުގައި އިންސާފު ގާއިމްކޮށްދިނުމެވެ. ނަމަވެސް، ޝަރުއީ ދާއިރާގައި ކަންތައްތައް ވެގެންދަނީ ގާނޫނޫ އަސާސީގެ މަފްހޫމާ އިދިކީލަކޮށެވެ. އަނިޔާ ލިބޭ ފަރާތާއި އަނިޔާ ދިން ކަމަށް ތުހުމަތު ކުރެވޭ ފަރާތް ވެސް އިންސާފަށް އިންތިޒާރުކުރަން މިވަނީ ޖެހިފަ އެވެ. އަނިޔާ ދިން ކަމަށް ތުހުމަތު ކުރެވޭ ފަރާތް ޖަލުގައި ބަންދުކުރެވި އަހަރުތައް ފާއިތުވެގެންދާއިރު ވެސް، އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ދުވަސްތައް ހޭދަކުރަން ޖެހިފަ އެވެ.
މިފަދަ އެއް މައްސަލައަކީ ނ. މާޅެންދޫ، ވައިޓް ހައުސް، އަހުމަދު މިރުޒާ އިބްރާހިމް މަރާލި މައްސަލައެވެ. މިރުޒާ އަށް ލަކުނޑިބުރިންނާއި ދަގަނޑު ހޮޅިތަކަކުން ހަމަލާދިނީ 2011 ވަނަ އަހަރުގެ އޭޕްރީލް 11 ވަނަ ދުވަހު އެވެ. ވިލިމާލޭ ޕާކް ސަރަހައްދުގައި ހިނގި އެ މާރާމާރީގައި ލިބުނު އަނިޔާތަކާ ގުޅިގެން، މިރުޒާގެ ސިކުނޑި މަރުވި އެވެ. އައިޖީއެމްއެޗްގެ ވެންޓިލޭޓަރެއްގައި ބާއްވާފައި އޮތްވާ މިރުޒާ މަރުވީ 2011 ވަނަ އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހު އެވެ.
މިރުޒާ މަރާލި މައްސަލާގައި ދައުވާކުރަނީ، ޏ. ފުވައްމުލަކު ޒާވިޔާ އަބްދުﷲ ނަސީފާއި، ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއުގެ އިތުރުން ގދ. ގައްދޫ ބޮކަރުގޭ އަލީ ރިފްޝާންގެ މައްޗަށެވެ. ނަސީފްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ޝިފާއު އާއި ރިފްޝާންގެ މައްޗަށް އުފުލާފައި ވަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
މިރުޒާ މަރާލިތާ މި އަހަރުގެ އޭޕްރީލް މަހު ހަ އަހަރު ފުރޭއިރު، އަދިވެސް އިންސާފެއް ނުލިބެ އެވެ. އަދި 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝަރީއަތުގެ އަޑުއެހުންތައް ނިންމާލި އެވެ. އޭގެ ފަހުން މައްސަލަ ބައްލެވި ކްރިމިނަލް ކޯޓުގެ އެއިރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ފެމިލީ ކޯޓަށް ބަދަލު ކުރެވުނެވެ. އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 4 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުގެ މިހާރު އިސް ގާޒީ އަބްދުލްބާރީ ޔޫސުފް މައްސަލައާ ހަވާލުވެ އެ އަޑުއެހުމުގައި ވަނީ މައްސަލަ ވަރަށް އަވަހަށް ނިންމައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ހުކުމަކާ ނުލައި ނަސީފާއި، ޝިފާއުގެ އިތުރުން ރިފްޝާން ޖަލުގައި ބަންދުކޮށްފައި އޮންނަތާ ވެސް ހަ އަހަރު ފުރެނީ އެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެ ތިން މީހުން ވަނީ ޝަރީއަތް ދިގުދެމިގެންދާތާ އެތައް އަހަރެއް ވެފައިވާތީ ނުރުހުން ފާޅުކޮށް، ޝަރީއަތް އަވަސް ކޮށްދިނުމަށް ތަކުރާރުކޮށް އެދިފަ އެވެ. އެހެން ނޫނީ ގޭބަންދަށް ނަމަވެސް ބަދަލުކޮށްދިނުމަށް އެ މީހުން އެދިފައި ވެއެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެ މައްސަލަ ނިންމާފައެއް ނުވެއެވެ.
މިރުޒާގެ މަރުގެ މައްސަލައިގައި ނަސީފާއި، ޝިފާއުގެ އިތުރުން ރިފްޝާންގެ މައްޗަށް 2011 ވަނަ އަހަރުގެ އޯގަސްޓް 2 ވަނަ ދުވަހު ކުރި ދައުވާގެ ޝަރީއަތް ދިގުދެމިގެންދާ އިރު، މިރުޒާގެ އާއިލާ އާއި ނަސީފާއި ޝިފާއުގެ އިތުރުން ރިފްޝާންގެ އާއިލާއިން ވެސް އެދަނީ އިންސާފަށް އިންތިޒާރު ކުރަމުންނެވެ. ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެއްވެސް ޝައްކެތް ނެތް މިންވަރަށް މީހެއްގެ މައްޗަށް ކުށެއް ސާބިތުވުމުގެ ކުރިން އެމީހަކީ ކުށްވެރިއަކަށް ނުވާނެ އެވެ. އެހެންކަމުން، ކުށެއް ސާބިތުނުވެ، އެ ތިން މީހުންގެ މިނިވަންކަން ނަގާލިތާ މިއަހަރަށް ހަ އަހަރު ފުރޭނެ އެވެ.
ދައުވާ ކުރެވިފައިވާ މީހަކު ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަކީ ގާޒީ އަށް ލިބިގެންވާ ބާރެއް ކަމުގައިވީ ނަމަވެސް، އެ ބާރުގެ ބޭނުން ހިފަން ޖެހޭނީ ވެސް އެކަށީގެންވާ ގޮތެއްގެ މަތިންނެވެ. އެހެނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވަނީ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީއަތް ނިންމަންވާނެ ކަމަށެވެ. ހަ އަހަރު ދުވަހަކީ އެކަށީގެންވާ މުއްދަތެއް ކަމަށް ބަލައިގަތުމަކީ ދަތި ކަމެކެވެ. އެހެނީ، މި މައްސަލައިގެ ފަހުން ހިނގި މަރުގެ އެތައް މައްސަލައެއްގެ ޝަރީއަތް ވަނީ ނިމިފަ އެވެ.
ގާނޫނުގެ ކުރިމަތީގައި ކުށް ސާބިތުވުމުގެ ކުރިން ކޮންމެ މީހަކީ މައުސޫމެކެވެ. މިފަދައިން ޝަރީއަތް ނިމެންދެން ވާނުވާ ނޭނގޭ މުއްދަތަކަށް މީހުން ބަންދުކޮށް، 7 އަހަރު، 8 އަހަރު ފަހުން ހުކުމް އިއްވާއިރު، ކުށް ސާބިތުނުވާ ހާލަތުތައް ވެސް ދިމާވަމުންދެ އެވެ. އަދި އެފަދަ ހާލަތްތަކުގައި ކުށުން ބަރިއަވި މީހާ އަށް އެތައް އަހަރެއް ވަންދެން ޖަލުގައި ބަންދުކޮށްފައި ބޭއްވުމުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭނެ އެއްވެސް ގާނޫނެއް ހެދިފައެއް ނެތެވެ. މިނިވަންކަން ގެއްލިފައިވާ ހާލު ހަޔާތުން ހޭދަވި ދުވަސްތަކަށް އިންސާފެއް ލިބޭނެ ގޮތެއް ނެތެވެ. ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރޭގައި އެ ނިޒާމެއް ނެތެވެ.
ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވި ޝަރީއަތްތައް އިންސާފުވެރި ގަބޫލުކުރެވޭ ހަލުވި މިނެއްގައި ކުރިއަށް ނުގޮސް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ދުވަސްތައް ހޭދަކުރަމުންދާ އެތައް ބަޔަކު މިހާރު ވެސް ތޭރިތަކުގެ ބިއްދޮށުގައި އެބަ ތިއްބެވެ. ހާއްސަކޮށް މަރު ފަދަ ބޮޑެތި މައްސަލަތަކުގައި އިންސާފު ނުލިބި ލަސްވުމަކީ ދުނިޔެ ދޫކޮށް ދިޔަ ފަރާތުގެ އާއިލާ އަށް ދެވޭ އަނިޔާ އެކެވެ. އިންސާފު ނުލިބި ލަސްވާ ކޮންމެ ދުވަހަކީ އިންސާފުން ބޭރުން ލިބޭ އަނިޔާއެކެވެ.