ފެން ބިލު ހަމައެކަނި ޑިޖިޓަލްކޮށް ފޮނުވާ ގޮތަށް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ހަމަޖައްސައިފިއެވެ.
މި މަހުގެ 2 ވަނަ ދުވަހު އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަހާ ގުޅިގެން ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި ގިނަގުނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
މިގޮތުން، މިހާރު ރާއްޖޭގައި އޮތް ޞިއްޙީ ނުރައްކާތެރިކަމާއި ގުޅިގެން، ކުންފުނީގެ މުވައްޒަފުން ވީހާވެސް ބޮޑަށް ބޭރުގައި އުޅުން މަދުކުރަން އެޅޭ ފިޔަވަޅެއްގެ ގޮތުން، އެމްޑަބްލިޔުއެސްސީގެ މޮބައިލް އެޕްލިކޭޝަނަށް ރަޖިސްޓަރީވެފައިވާ ގޭބީސީތަކަށް ފެން ބިލު ފޮނުވޭނީ ހަމައެކަނި އެމްޑަބްލިޔުއެސްސީ އެޕްގެ ޒަރިއްޔާއިން ކަމަށެވެ. އެމްޑަބްލިޔުއެސްސީގެ މޮބައިލް އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ކުރިއެކޭ އެއްފަދައިން، މިހާރުވެސް ބިލު ތައްޔާރުވުމާއެކު، ފޯނަށް ނޯޓިފިކޭޝަން ލިބޭނެ ކަމަށާއި އެޕްލިކޭޝަން މެދުވެރިކޮށް ބިލަށް ފައިސާ ދެއްކޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިވަގުތު ކަރުދާސް ބިލް ފޮނުވާ ގޮތަށް ހަމަޖެހިފައިވަނީ، ހަމައެކަނި އެމްޑަބްލިޔުއެސްސީގެ މޮބައިލް އެޕްލިކޭޝަނަށް ރަޖިސްޓަރީ ވެފައިނުވާ ގޭބީސީތަކަށެވެ. މޮބައިލް އެޕްލިކޭޝަނަށް ރަޖިސްޓްރީ ވެފައިނުވާ ގޭބިސީތަކުގެ ފެން ބިލު ރައްދުކުރެވޭނީ، 12 މާރިޗު 2020 ގައި އެ ކުންފުނިން ނެރެފައިވާ ނޫސްބަޔާނުގައިވާ ގޮތުގެމަތިން، ގޭގެ ގްރައުންޑް ފްލޯއާ ހަމައަށް ކަމަށް ވެސް އެ ކުންފުނިން ބުނެެއެވެ.
އެމްޑަބްލިޔުއެސްސީގެ މޮބައިލް އެޕްލިކޭޝަން ބޭނުން ކުރުމުން :
• ފެންބިލަށް އެރި އަދަދުގެ ނޮޓިފިކޭޝަން (އެސް.އެމް.އެސް) ފޯނަށް ލިބޭނެ.
• ގޭގައި ތިއްބެގެންވެސް ފަސޭހަ ކަމާއެކު ފެން ބިލަށް ފައިސާ ދެއްކޭނެ.
• ފެން ބޭނުންކުރެވޭ މިންވަރާއި، ލައިވް ޗެޓްގެ ޚިދުމަތާއި، ފާއިތުވި މަސްތަކުގެ ބިލުގެ ތަފުޞީލު ބަލައިލެވޭނެ.
މި އެޕްލިކޭޝަން ޕްލޭސްޓޯރުންނާއި އެޕްސްޓޯރުން ހިލޭ ޑައުންލޯޑް ކުރެއްވޭނެއެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ މޮބައިލް އެޕްލިކޭޝަނާއި އޮންލައިން ޚިދުމަތްތަކުގެ އިތުރު މަޢުލޫމާތު ކުންފުނީގެ ކަސްޓަމަރ ކެއަރސެންޓަރ ހޮޓްލައިން 105 އަށް ގުޅުއްވުމުން ލިބޭނެ ކަމަށާއި މިދަނޑިވަޅުގައި ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރައްވައި، ރައްކާތެރިވެ ތިބުމަށް އެންމެހައި ކަސްޓަމަރުންނަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ ޙާލަތަށް އަންނަ ބަދަލުތަކާއިއެކު ބިލު ބެހުމަށް ގެންނަ ބަދަލުތައް ވެސް ކަސްޓަމަރުންނަށް އަންގަމުންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.