Advertisement
ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 08:49
އެމްއެމްއޭ ސަރަަހައްދުގައި ހުންނަވާ އިބޫ ނޫސްވެރިިންނަށް މައުލޫމާތުދެއްވަނީ
އެމްއެމްއޭ ސަރަަހައްދުގައި ހުންނަވާ އިބޫ ނޫސްވެރިިންނަށް މައުލޫމާތުދެއްވަނީ
މުހައްމަދު ޝަރުހާން
މަސީހުގެ އިތުބާރުގެ މައްސަލަ
ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ
ޕީޕީއެމްގެ ގިނަ މެމްބަރުންތަކެެއް މައުމޫނު ފެކްޝަނާއި ވަރަށް އަވަހަށް ގުޅޭނެ، ކުރިއަށްދަނީ އެ މަސައްކަތް
ހޯމަ ދުވަހުވެސް މަޖިލީހަށް ވަނީ ވޯޓު ކާމިޔާބުކުރުމަށް، ފަހުވަގުތުން އެ ބޭފުޅުން ޤަވައިދާ ހިލަފުވީ
ކޮންމެ މީހަކު ހައްޔަރުކުރިޔަސް، ޕްލޭނާ އެއްގޮތަށް ކަންތައްތައްދާނެ

ރައްޔިތުންގެ މަޖލީހުގެ ރައީސް އަބްދުﷲ މަސީހު މަހައްމަދު އިތުބާރު ނެތްކަމުގެ މައްސަލަ ދެން ހުށައަޅާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސަރުކާރުން ކުރާނެ ހުރިހާ ކަމަކަށް ތައްޔާރުވާނެ ކަމަށާއި، ކޮންމެ ގޮތަކަށް ވޯޓު ނެގިޔަސް އެ ވޯޓެއް ކާމިޔާބުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

 

ބުދަ ދުވަހުގެ ރޭ އެމްއެމްއޭ ސަރަހައްދުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބަރު ނެތްކަމަށް ހޯމަ ދުވަހު ނެގި ވޯޓުގައި ފެނިގެންދިޔައީ، ސަރުކާރަށް، ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުންގެ އިތުބާރު ނެތް ތަންކަމަށެވެ. އެހެން ނޫން ނަމަ މަޖިލީހުގައި އާންމުކޮށް ވޯޓު ނަގާ އުސޫލުން ވޯޓު ނަގާނެކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ އެ ދުވަހު ފެނިގެންދިޔައީ ސަރުކާރަށް މަޖިލީހުގެ އިތުބަރު ނެތްކަމުގެ މަންޒަރުކަމަށެވެ.

 

"އަޅުގަނޑުމެންދެން އިރާދަކުރެއްވިއްޔާ މަޖިލީހަށް ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން. ކޮންމެ ގޮތަކަށް ވޯޓު ނެގިޔަސް، ކޮންމެ ގޮތަކަށް ވޯޓު ނެގިޔަސް، އަތް އުފުލައިގެންވިޔަސް، ފައި އުފުލައިގެންވިޔަސް ވޯޓެއް ނެގިޔަސް އެ ވޯޓު ކާމިޔާބުވާނެވަރަށް ހަމަކޮށްގެން" އިބޫ ވިދާޅުވި އެވެ.

 

އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ އަނެއްކާވެސް މަޖިލީހަށް ހުށައެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އަންގާރަ ދުވަހު އެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން ގަވައިދާއި ހިލާފަށް ކުރާނެ ހުރިހާ ކަމަކަށް ތައްޔާރުވެފައިވާކަމަށް އިބޫ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުރިއަށް ހުށައަޅާ މައްސަލައިގައި ޕީޕީއެމްގެ މެމްބަރުންގެ ވަރަށް ބޮޑު ތާއީދެއް ލިބިގެންދާނެ ކަމަށެވެ. އަދި ގިނަ މެމްބަރުންތަކެއް ރައީސް މައުމޫނު އަބްދުއްޤައްޔޫމްގެ ފެކްޝަނާ ގުޅޭކަމުގެ ޔަޤީންކަން ލިބިފައިވާކަމަށާއި، ކުރިއަށްދަނީ އެ މަސައްކަތްކަމަށް އިބޫ ވިދާޅުވި އެވެ.

 

އިބޫ ވިދާޅުވީ ހޯމަ ދުވަހުގެ ޖަލްސާއަށް ވެސް ވެންނެވީ، ވޯޓު ކާމިޔާބުކުރާނެކަމުގެ ޔަޤީންކަމާއެކުގައި ކަމަށެވެ. ނަމަވެސް އެ ދުވަހު މަޖިލީހުގެ ގަވައިދާ ހިލާފަށް މިލިޓަރީ ބޭނުންކޮށްގެން ސަރުކަރުން މޮޅު ހޯދިކަމަށް އިބޫ ސިފަކުރެއްވި އެވެ. އަދި ވިދާޅުވީ އެ ހާލަތަށްވެސް މިފަހަރު ތައްޔަރުވެފައިވާކަމަށެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

 

އިބޫ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތުގައި ފަހަތަށްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެކަކު ހައްޔަރުކޮށްފިނަމަ އެނެކަކު ހުންނާނެކަމަށާއި، ކޮންމެ ގޮތަކަށް ކަންތައްވިޔަސް ޕްލޭނާއި އެއްގޮތަކަށް ކަންތައްތައް ހިނގާނެ ކަމަށެވެ.

 

ހޯމަ ދުވަހު މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ވޯޓު ނަގާފައި ވަނީ، ވޯޓުލާ ސިސްޓަމްގައި މައްސަލަ އުޅޭ ކަމަށް ބުނެ ކޮންމެ މެންބަރަކާ ވަކިވަކިން ސުވާލުކޮށްގެން ރޯލް ކޯލް އުސޫލުންނެވެ. މިގޮތަށް ވޯޓު ނަގަން ފާސްކޮށްފައި ވަނީ މައްސަލަ ޖެހިފައިވާ ކަމަށް ބުނި އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމް ބޭނުންކޮށްގެން ކަމަށް ވާއިރު މަޖިލީހަށް ހާޒިރުވެ ވަޑައިނުގަންނަވާ ބައެއް މެންބަރުން ވެސް ވޯޓު ދެއްވި ކަމަށް ސިސްޓަމުން ދެއްކި އެވެ. އަދި ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވާ ބައެއް ބޭފުޅުން ވޯޓު ދެއްވި ކަމަށް ވެސް ދައްކާފައިވެ އެވެ. އަދި ޖަލްސާ ކުރިއަށް ގެންދަން ހުރަސް އެޅުއްވުމުން ވޯޓު ނެގީ، ސިފައިން ލައްވާ 13 މެމްބަރަކު މާލަމުން ނެރެފަ އެވެ. އެހާ ހިސާބުން އިދިކޮޅު އަނެއް 21 މެމްބަރުން ޖަލްސާ ބޮއިކޮޓްކުރެއްވީ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް