ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 12:12
އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން
އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން
ގެޓީ އިމޭޖަސް
ކޮވިޑް-19
ކުޅުންތެރިން ނޫން ސްޓާފުން ނޯޕޭއަށް ފޮނުވާލުމުން ޕްރިމިއާ ލީގު ކްލަބުތަކަށް ފާޑުކިޔުން
ޕްރިމިއާ ލީގު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި
ޕްރިމިއާ ލީގު ކްލަބުތަކުން އަންނަނީ ކޮންމެ އަހަރަކުވެސް އެތައް މިލިއަން ޔޫރޯގެ ފައިދާ ނަގަމުން
ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ވެސް ވަނީ ހުށަހަޅާފައި

އިނގިރޭސި ޕްރިމިއާ ލީގު ކްލަބްތަކުން ކުޅުންތެރިން ނޫން ސްޓާފުން ނޯޕޭ ލީވްއަށް ފޮނުވާލުމުން ކްލަބްތަކަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ކްލަބްތަކުން އަންނަނީ ދިމާވެދާނެ މާލީ ދަތިތަކުން އަރައިގަތުމަށް ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ކުޑަކުރުމަށްވެސް ހުށަހަޅަމުންނެވެ.

ޑިޖިޓަލް ކަލްޗަރ، މީޑިއާ އެންޑް ސްޕޯޓްސްގެ ޗެއާމަން ޖޫލިއަން ނައިޓް ބުނީ ކްލަބްތަކުން ކުޅުންތެރިން ނޫން ސްޓާފުން ނޯޕޭ ލީވްއަށް ފޮނުވައިލުމުން އިނގެނީ އިނގިރޭސި ކްލަބްތައް މިހާރު އޮތް ހާލަތު ކަމަށާއި، އިނގިރޭސި ކްލަބްތަކަކީ ކޮންމެ އަހަރަކުވެސް އެތަކެއް މިލިއަން ޔޫރޯގެ ފައިދާ ނަގަމުން އައި ކްލަބްތަކެއް ކަމަށެވެ.

ޖޫލިއަން ނައިޓް މިހެން ބުނިއިރު އިނގިރޭސި ތިން ކްލަބަކުން ވަނީ އެ ކްލަބްގެ ކުޅުންތެރިން ނޫން ސްޓާފުން ނޯޕޭ އަށް ފޮނުވައިލައިފައެވެ. އެއީ ޓޮޓެންހަމް، ނިއުކާސަލް އަދި ނޯވިޗް އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކްލަބްތަކުން އަންނަނީ ކޮވިޑް-19 އާއި ގުޅިގެން ދިމާވާނެ މާލީ ހާލަތުން އަރައިގަތުމަށް ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ވެސް ހުށަހަޅަމުންނެވެ. ނަމަވެސް އިނގިރޭސި ކުޅުންތެރިންގެ ހައްގުގައި އުފައްދައިފާވާ ޔޫނިއަން ކަމަށްވާ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން އަންނަނީ ކުޅުންތެރިން މިކަމަށް ދެކޮޅު ހެދުމަށް ގޮވާލަމުންނެވެ.

ދާދި ފަހުން ވަނީ އިނގިރޭސި ޕްރިމިއާ ލީގު މުއްދަތެއް ނެތް ގޮތައް ފަސްކޮށްފައެވެ. މީގެ ކުރިން ލީގު މެދު ކަނޑާލާފައި އޮތީ އޭޕްރީލް 30 ގެ ނިޔަލަށެވެ. ޕްރިމިއާ ލީގުގެ އިތުރުން، އިންގްލެންޑުގައި ކުރިއަށްދާ ހުރިހާ ފުޓްބޯޅަ މުބާރާތްތައްވެސް ވަނީ އޭޕްރީލް 30 ގެ ނިޔަލަށް މެދުކަނޑާލާފައެވެ.

- ކޮމެންޓް